ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހުކުމްކޮށްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ކަމަށް ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޫލް އޮފް ލޯ އަދި ޑިއު ޕްރޮސެސްއަކީ ޑިމޮކްރަސީގެ އެންމެ މައިގަނޑު އަސާސްތައް ކަމަށާއި އެއީ ރާއްޖޭގެ ގާނޫނު އަސާސާއިން ހިމާޔަތްކޮށްފައިވާ ކަންކަން ކަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރި ހުކުމުގައި މިއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ދައުލަތުގެ ކަންކަން ހިނގަމުންދަނީ ވަރަށް ދެރަ ގޮތެއްގައި ކަމަށް ސިފަކުރައްވާފައެވެ.
Rule of law/due process are bedrock of democracy and protected by #Maldives Constitution. Neither apparent in ruling against @maumoonagayoom and Justices. Sad state of affairs.
— David McKinnon (@McKinnonDavid) June 14, 2018
ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ރައީސް މައުމޫނާއި ދެ ފަނޑިޔާރުން ހައްޔަރުކޮށް ފޯނު ދޭން އެދުމުން ފޯނު ދީފައިނުވާ ކަމަށް ބުނެ އެ ތިން ބޭފުޅުންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުކޮށްފައެވެ. މި ކުށުގެ އަދަބެއްގެ ގޮތުން އެ ތިން ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ބުދަ ދުވަހު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މި ހުކުމުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި އެކި ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.