އީދު ދުވަހު ހެޔޮ އެދުމުގެ ޝުއޫރު ފާޅުކޮށް ހެޔޮ ބަސް ބުނުމަކީ އިސްލާމީ ރިވެތި އާދައެއް ކަމަށާއި އެއީ މަތިވެރިވެގެންވާ އަމަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވިދާޅުވީ މިފަދަ ދުވަހެއްގައި އުފާ ފާޅުކުރަމުންދާއިރު އިސްލާމީ ރިވެތި ހަމަތަކާއި އުސޫލުތަކަށް ތަބާ ވާންޖެހޭ ކަމަށެވެ. އެކަމަކީ ކޮންމެ މުސްލިމަކު ވެސް ރައްކާތެރި ވާންޖެހޭ ކަމެއް ކަމުގައެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި އީދު ތަހުނިޔާގެ ޚިތާބުގައެވެ.
ރައީސް ޔާމީން ވިދާޅުވީ އީދުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ފޮނުވާ ކަމަށެވެ. އަދި މިއުފާވެރި މުނާސަބަތުގައި އިސްލާމީ ގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވެސް ވަނީ އީދު ތަހުނިޔާ ފޮނުއްވާފައެވެ.
ފިތުރު އީދުގެ އުފާ ފާޅުކުރަމުން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހިޔާވަހިކަމެއް ނެތް، ބަނޑުހައި ކަންމަތީ ތިބި މުސްލިމުންނަށް ޖެހިފައިވާ ދަތި ހާލުން މިންޖު ކުރެއްވުމަށް ﷲގެ ހަޟްރަތުން ދުއާ ކުރުމަކީ މުހިއްމު ކަމެއްކަަމަށްވެސް ރައީސް ޔާމިންގެ ޚިތާބުގައި ވިދާޅުވިއެވެ.