މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ނަންތައް ހިމަނައިގެން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާސް ލިސްޓަކީ "ލިސްޓަކަށްނުވާ އޮޅުވާލާފައިވާ ނަންތަކެއް" ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗް ކުރުމަށް އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ދެއްކި ރައީސް ނަޝީދުގެ ވީޑިއޯ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ ވޯޓާސް ލިސްޓުގައި އައިޑީކާޑް ނަމްބަރު ހިމެނިފައިނުވާއިރު އެ ލިސްޓް އޮތީ އެއް ނަމެއް ތަކުރާރުކޮށް ހިމެނުމުގެ ފުރުސަތު އޮންނަ ގޮތަށް ކަމަށެވެ.
"އެ ލިސްޓުގައި ބުނާ ގޮތުން ވޯޓު ހައްގުވާމީހުންގެ އަދަދު 2013 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވަނީ މާބޮޑުތަނުން، މާ ބޮޑުތަނުން، 30، 40 ޕަސެންޓް. ނާދިރު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފަހުން ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރެއްވި ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެވަނީ މާ ކުރިން އިންތިހާބުގެ ނަތީޖާ އޮޅުވާލުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން އެވަނީ ވޯޓު އޮޅުވާލުމުގެ މަސައްކަތް ކުރިއާލާ ފަށާފައި. ރާވައިގެން ހީލަތްތެރި ރޭވުމެއްގެ ދަށުން. އިލެކްޝަންސް ކޮމިޝަން އަޅުގަނޑުމެން ޖެހޭނީ ބަދަލުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމަށް ފަހު ބައި އިލެކްޝަނެއް ނުބާއްވާ އޮތުމަކީ އެ ކޮމިޝަން ކުށުގެ އަމަލެއްގެ މަތީގައި ތިބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ޕްރައިމަރީއަށް އިލެކްޝަންސް ކޮމިޝަނުން އިންތިހާއަށް ނުފޫޒު ފޯރުވި ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ ވިދާޅުވާ ސާފު ކެނޑިޑޭޓަކީ "ނުވިހާ ކުއްޖެއްގެ ފޫޅު" ކަމަށެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ހަނިމަގުން ގޮސްގެން ފުޅާ ނަތީޖާއެއް ނުނެރެވޭނެ ކަމަށާއި އެމްޑީޕީން ތިބީ "ތިނޯހެއްގެ ފަގައިން" އިންތިހާބުގައި ބައިވެރިވާން ނޫން ކަމަށެވެ.
"ރާއްޖޭގެ ގާނޫނުތައް އެބަހުރި، އާންމުކޮށް އަމަލުކުރާ އުސޫލުތައް އެބަ ހުރި. މި އުސޫލުތައް ބަޔާން ކުރަނީ ސާފާއި ނުސާފު. އެމްޑީޕީން ނިކުންނާނީ އިރާދަ ކުރެއްވިއްޔާ އިންތިހާބުގައި ބައިވެރިވެވޭ ސާފު ކެނޑިޑޭޓާއެކު،" ނަޝީދު ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ މުހިންމު ނިންމުންތަކެއް ނިންމަން ޖެހޭ އިންތިހާބެއް ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވަނީ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހްމަތުކުރާ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ތަކުރާރުކުރައްވާފަ އެވެ.
"މުޅި މި ދިވެހިރާއްޖެ މިވަނީ ވައްކަމުގެ އިލްޒާމުން ފުރިފައި. އަޅުގަނޑުމެން މި އިންތިހާބު، 2018 ވަނަ އަހަރުގެ އިންތިހާބު ބޭނުންކުރާން ޖެހޭނީ ވައްކަމުން ސަލާމަތްވުމަށްޓަކައި، ދައުލަތުން ކުރެވޭ ވައްކަމުން އަޅުގަނޑުމެން އަރައިގަތުމަށް،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ދިވެހި ފުލުހުންނާއި ސިފައިންނަށް ނިސްބަތްކުރައްވާ ރައީސް ނަޝީދު ވަނީ ފުލުހުން ކަންބޮޑު ނުވުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންނާއި ސިފައިން ތިބި ބިރުވެރިކަމުން ސަލާމަތް ކޮށްދެއްވާނެ ކަމަށާއި އެމީހުންނަށް ހައްގުވާ ޝަރަފު ހޯދައި ދެއްވާނެ ކަމަށެވެ.