ދިވެހިން ބޭނުންވާ އެންމެ ގިނަ ސިފަތައް ހުރީ ރައީސް ނަޝީދު ކިބައިގައި ކަމަށް އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް ނަޝީދު މި އިންތިޚާބަށް ކުރިމަތި ލައްވަން ޖެހެނީ، މިއަދު ޖަޒީރާރާއްޖޭގެ މަލަމަތިން ފެންނަމުން ދާ ބޭ އިންސާފާއި ނާމާން ކަމުން މި ގައުމު ސަލާމަތް ކޮށްދިނުމަށް ކަމަށެވެ.
ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި އަސްލަަމް ހޮއްވެވީތީ ރައީސް ނަޝީދަށާއި، އެމްޑީޕިގެ އިސްވެރިންނާއި އާއްމު މެބަރުންނަށް ޝުކުރު އަދާކުރައްވަމުން އަސްލަމް ވިދާޅުވީ ދާދި އަވަހަށް އެޕާޓީގެ ކެމްޕެއިން ޖަލްސާތައް ރަށްރަށުގައި ފެށިގެންދާނެ ކަމަށެވެ. އަދި ވަރަށް ފުޅާކޮށް ރައްޔިތުންނާއި ބައްދަލުކޮށް އިހުސާސްތައް ދެނެގަނެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އީދު ދުވަހު ރައީސް ނަޝީދު ރާއްޖޭގެ އެކި ހިސާބުތަކުން ރައްޔިތުންނާއި ބައްދަލުކޮށް އީދު ތަހުނިޔާ ފޮނުވަމުންދާނެ ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެބޭފުޅުންގެ އެ މަސައްކަތަކީ މި ގައުމުގެ މުސްތަގުބަލާއި ދީނާއި ސަގާފަތާއި ތަރިކަ ހިމާޔަތް ކުރުމަށް ރައީސް ނަޝީދު ފެއްޓެވި މަސައްކަތް ޕުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދަށް ތާއީދު ނަގާލަން ބަޔަކު ވަރަށް މަސައްކަތް ކުރާކަމަށާއި، އެކަމަކު އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެބޭފުޅުން ތިބީ އެެއަށް ވުރެ މާ ގަދަކޮށް ކަމަށާއި، ދިވެހިން ބޭންވާ އެންމެ ގިނަ ސިފަތައް ހުރީ ރައީސް ނަޝީދުގެ ކިބައިގައި ކަމަށް ވާތީ އެމަނިކުފާނު ވާދަކޮށްފާނެތީ ޖެހިލުންވާ މީހުން ތިބި ކަމަށް ވިދާޅުވިއެވެ.
"ޖެއްސުން ކުރުމުގެ ކަންކަން ހިނގިޔަސް ރައީސް ނަޝީދު ގެ ނަންފުޅު ވޯޓް ކަރުދާސްކޮޅުގައި އޮންނާނެ، އަދި ދާދި އަވަހަށް މާލެ ވަޑައިގެން މި ކެމްޕެއިން ގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ.ރައީސް ނަޝީދު ވަނީ އަޅުގަނޑުމެން ދިވެހިން ގެ އުއްމީދު ތަކާއި ގުޅިފައިވާ ބޭފުޅެއްގެ ގޮތުގައި" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ނޫ އިގްތިސާދުގެ މެނިފެސްޓޯ ވެގެން ދާނީ ދިވެހި ރައްޔިތުންގެ މެނިފެސްޓޯއަށްކަމަށެވެ. އަދި މި އިންތިޚާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.