ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން (އައިޔޫއެމް)އިން މިއަހަރުގެ ޖޫން ސެމިސްޓާރގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި އެވެ.
އައިޔޫއެމުން ބުނީ ޖޫން ސެމިސްޓާރގެ ކޯސްތަކަށް އާންމުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، އެކިކޯސްތަކަށް ގިނަ އަދަދެއްގެ ފޯމް މިހާރު ވެސް ލިބިފައިވާ ކަމަށެވެ. އެގޮތުން މިޖޫން މަހު ފަށާ ކޯސްތަކަށް ގިނަ ބަޔަކަށް ކުރިމަތިލެވޭނެ ގޮތް ހެދުމުގެ މަގުސަދުގައި މިމަހު 21 ވާ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކުރީ ކަމަށް ވެސް އައިޔޫއެމުން ބުންޏެވެ.
އިސްލާމިކް ޔުނިވަރސިޓީން ޖޫން މަހު ފަށާ ކޯސްތަކުގެ ތެރޭގައި ޖުމްލަ 56 ކޯހެއް ހިމެނެއެވެ. މީގެ ތެރޭގައި މުޅިން އަލަށް ތައާރަފްކޮށްފައިވާ ކޯސްތައް ވެސް ހިމެނެއެވެ. އެއީ މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ، އެޑްވާންސްޑް ސެޓްފިކެޓް އިން އިންގްލިޝް ފޯ ޓްރެވެލް އެންޑް ޓޫރިޒަމް އަދި އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް ކޯހެވެ.
ހަމަމިއާއެކު ޤިރާއަތު ކޯސް ލެވެލް 1، 2 އަދި 3 ވެސް ޒަމާނީ ގޮތަށް ފަރުމާކުރެވި ކޯހަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އައިޔޫއެމުން މައުލޫމާތުދެ އެވެ.
އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމިކް ފައިނޭންސް، ޝަރީއާ އެންޑް ލޯ، އެޑިޔުކޭޝަން، ލިޑާރޝިޕް، ޤުރުއާން ، އިސްލާމިކް ސްޓަޑީޒް، އަރަބި އަދި ލޭންގްއޭޖް ދާއިރާއިން ޕީ.އެޗް.ޑީ އިން ފެށިގެން ސެޓްފިކެޓް ލެވެލްއާ ހަމައަށް ކޯސްތައް ދަނީ ހިންގަމުންނެވެ.