ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ވިސާގެ މައްސަލަ ކުރިމަތިވަނީ ސީދާ ރައީސް އޮފީހުން އަންގައިގެން ކަމަށް މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ދަ ހިންދޫ ނޫހުން ތުހުމަތު ކޮށްފިއެވެ.
ދަ ހިންދޫގެ ޑެޕިއުޓީ ރެޒިޑެންޓް އެޑިޓަރ އަދި ޑިޕްލޮމެޓިކް އެޑިޓަރ ސުހާސިނީ ހައިދަރު ލިޔެފައިވާ ލިޔުމެއްގައި ވަނީ ރާއްޖޭގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ހީނަރުވުމުގެ ސަބަބުން އެކަމުގެ އަސަރު ރާއްޖޭގައި މަސައްކަތްކުރާ އަދި މަސައްކަތްކުރަން އަންނަ އިންޑިއާގެ ރައްޔިތުންނަށް ކުރާ ކަމަށެވެ. އެގޮތުން ރިސޯޓްތަކުން ވެސް ވަޒީފާއަށް އިއުލާންކުރާއިރު، އިންޑިއާ ރައްޔިތުން ކުރިމަތިނުލުމަށާއި، އިންޑިއާ ރައްޔިތަކު ކުރިމަތިލާނަމަ އެމީހެއްގެ އަތުގައި އެހެން ޤައުމެއްގެ ޕާސްޕޯޓެއް އޮންނަން ޖެހޭނެ ކަމަށް ނުވަތަ ދިވެއްސަކާއި އިނދެގެން އުޅެން ޖެހޭ ކަމަށް ސުހާސިނީ ލިޔެފައިވެއެވެ.
އޭގެ މިސާލެއްގެ ގޮތުގައި ރާއްޖޭގެ މަތީފަންތީގެ ރިސޯޓެއް ކަމަށްވާ ސެއިންޓް ރެޖިސް ވޮއްމުލީގެ ޖެނެރަލް މެނޭޖަރ އެލެގްޒެންޑަރ ބްލެއަރ ލިންކްޑް އިންގައި ޕޯސްޓްކޮށްފައިވާ އިއުލާނެއްގެ ވާހަކަ ސުހާސިނީ ވަނީ ފާހަގަކޮށްފައެވެ.
މިލިޔުމުގައި އޭނާ ވަނީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ބައެއް ރައްޔިތުންނަށް ދިމާވެފައިވާ ވިސާގެ މައްސަލަތަކުގެ ވާހަކަ ފާހަގަ ކޮށްފައެވެ. އެގޮތުން މާލޭގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރުމަށް ފަހު މަތީ ފަންތީގެ ރިސޯޓެއްގެ ނަރުސްކަން ލިބުމުން އެވަޒީފާއަށް ބަދަލުވެ، އެހެން ނަމަވެސް ވިސާގެ މައްސަލަ ޖެހިގެން އަނބުރާ މާލެ ނާދެވިފައި ހުރި މީހެއްގެ ވާހަކަ ވެއެވެ. މީގެ އިތުރުން ރާއްޖޭގެ އިމިގްރޭޝަނުން އިންޑިއާގެ ދެހާހެއްހާ ރައްޔިތުން ހުށަހަޅާފައިވާ ވޯކް ވިސާ ޕްރޮސެސްނުކޮށް އެބަހުރި ކަމަށް ދަ ހިންދޫއިން ތުުހުމަތުކުރެއެވެ.
އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން ވިސާ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް އިންޑިއާގެ އެންމެ ބޮޑު އެއް ނޫހުން ބުނާއިރު، ރާއްޖޭގެ އިމިގްރޭޝަނުން މީގެ ކުރިން ވަނީ އެކަން ދޮގު ކޮށްފައެވެ. އަދި އިމިގްރޭޝަނުން އެކަން ދޮގު ކުރާކަން ރާއްޖޭގެ މީޑިއާތަކާއި ހަވާލާދީ ދަ ހިންދޫގައި ލިޔެފައިވެއެވެ. އެހެން ނަމަވެސް މަސްދަރުތަކާއި ހަވާލާދީ އެނޫހުން ބުނީ އިމިގްރޭޝަނުން އިންޑިއާގެ ރައްޔިތުންގެ ވިސާގެ ކަންތަކުގައި ދަތިކުރަނީ ސީދާ ރައީސް އޮފީހުގެ އިރުޝާދާއި އެއްގޮތަށެވެ.
ވިސާގެ މައްސަލަ ޖެހޭ ބައެއް ފަރާތްތަކުން މާލޭގައި ހުންނަ އިންޑިއާ އެމްބަސީއަށް އެކަމުގައި އެހީވުމަށް އެދި ސިޓީ ފޮނުވާ ކަމަށާއި، އެހެންނަމަވެސް އިންޑިއާ އެމްބަސީއިން އެކަމުގައި އެތަނަށް ކޮށްދެވޭނެކަމެއް ނެތް ކަމަށް ބުނާ ކަމަށްވެއެވެ.
އިންޑިއާގެ ރައްޔިތުންނަށް ވިސާ ލިބުމުގައި ދަތިވާކަން ފާހަގަކޮށް ދަހިންދޫގައި ލިޔުމެއް ލިޔުނުއިރު، ދާދިފަހުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެން މަނިކު އިންޑިއާގެ ޗެންނާއީއަށް ވަޑައިގަތުމުން އޭނާ އެޤައުމަށް ނާރުވާ ފޮނުވާލިއެވެ. އަދި އެމައްސަލައިގައި މާލޭގައި ހުންނަވާ އިންޑިއާ ސަފީރު ޚާރިޖިއްޔާއަށް ހާޒިރުކޮށް ސުވާލުކުރިކަމަށްވެއެވެ.
މިލިޔުމާއި ގުޅިގެން ވިސާ މައްސަލައިގައި އިންޑިއާ ސަރުކާރު މަޑުން އޮންނާނީ އިންޑިއާގެ އިދިކޮޅު މައި ޕާޓީ އިންޑިއަން ނޭޝަނަލް ކޮންގްރެސްއިން ވަނީ ފާޑުކިޔާފައެވެ.