ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު ރައީސް މައުމޫން ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ. އޭގެ ފަހުން އެމަނިކުފާނު އިއްޔެއާ ހަމައަށް ހުކުމަކާ ނުލައި ހައްޔަރުކޮށްފައި ހުންނެވީ ދޫނިދޫ ޖަލުގައެވެ.
މިއަދު މެންދުރު ފަހު ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލު ކޮށްފައިވަނީ ޖަލު ހުކުމެއް އިއްވާފައި ވާތީ އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުންނެވެ. ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެންނެވެ.
އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާވަނީ އުފުލާފަ އެވެ. އަދި އެމަނިކުފާނު ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކުރުމާއެކު އެމަނިކުފާނު އޭރު މާފުށީ ޖަލަށް ވަނީ ބަދަލު ކޮށްފައެވެ. ނަމަވެސް ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން އާއިލާއިން ތަކުރާރުކޮށް އެދުމުން ދޫނިދޫ ޖަލަށް އޭރު ބަދަލުކުރިއެވެ.