މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 23 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު 14 ޖޫން އިން ފެށިގެން 15 އޯގަސްޓް އާ ހަމަޔަށް ހުޅުވާލައިފާވާ ކަމަށެވެ.
ރިޔާސީ އިންތިހާބު މޮނިޓަރކުރުމުގެ ހުއްދަ ދެވޭނެ ފަރާތްތަކުގެ ޝަރުތުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އުމުރުން 18 އަހަރު ފުރުމާއި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުމާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ އަދި ޓީވީ ސްޓޭޝަންގައި މަސައްކަތްކުރާ މީހެއް ކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން ހިމެނެއެވެ. ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހަކަށް ވުމުގެ އިތުރުން ބައިނަލްއަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއް ކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ރިޔާސީ އިންތިހާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އެޕްލިކޭޝަން ފޯމުތަކާ އެކު ނޫސް މަޖައްލާ ނުވަތަ ޚަބަރު ފަތުރާ އިދާރާގެ ކަވަރިން ސިޓީއެއް އަދި މޮނިޓަރ ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ލިސްޓުގެ ހާޑް ކޮޕީއަކާއި އެކްސް.އެލް ފޯމެޓްގައި ސޮފްޓް ކޮފީއެއް ސީޑީގައި އެ ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުގުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށް ވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. އެ އަދަދަށް ވުރެ އިތުރުވާ ފޯމުތައް ބާތިލް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މި އިންތިޚާބަށް ކާޑު ދޫކުރުމަށް ފަހު، ކާޑު ގެއްލިގެން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ އަލުން ކާޑެއް ހަދައި ދެވޭނީ 95ރ. ގެ ޖޫރިމަނާއެއް ދެއްކުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.