އައްސޭރި ޖަލުގައި ބެހެއްޓި ފެން ޕްލާންޓުން ފެން އުފައްދަން ޖެހޭ ވަރަށް ފެން އުފެއްދިފައި ނުވާތީ ޖަލަށް އިތުރަށް ފެން ގަންނަން ޖެހި 2016 ވަނަ އަހަރުގެ ނިޔަލަށް 14.44 މިލިއަން ރުފިޔާ، ފެން ގަތުމަށް ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
އެކަން ހާމަވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2014 އަދި 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުންނެވެ.
އެއޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެން ޕްލާންޓުން ފެން އުފައްދަން ފެށުނު ފަހުން ވެސް ޕްލާންޓްގެ ބޭނުން އެންމެ ފުރިހަމައަށް ކުރެވެމުން ނުދާތީ، ކުރިން ވެސް ފެން ސަޕްލައި ކުރަމުން އައި ކުންފުނި މެދުވެރިކޮށް އިތުރަށް ފެން ގަނެފައިވާ ކަމަށެވެ. އެގޮތުން ފެން ސަޕްލައިކޮށްފައިވާ ކުންފުނިން ހުށަހަޅާފައިވާ ބިލްތަކަށް ބަލާއިރު 30 ސެޕްޓެމްބަރ 2015 އިން ފެށިގެން 31 ޑިސެމްބަރ 2016 ގެ ނިޔަލަށް 14.44 މިލިއަން ރުފިޔާގެ ފެން އައްސޭރި ޖަލަށް ޖަމާކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ. އަދި ޕްލާންޓް ޤާއިމް ކުރުމުގެ ކުރިންނާއި ޕްލާންޓް ޤާއިމްކުރި ފަހުން ގަނެފައިވާ ފެނުގެ ޢަދަދާއި، ފެން ގަތުމަށް ހިނގާފައިވާ ޚަރަދުތަކަށް ބަލާއިރު އެޕްލާންޓް ޤާއިމްކޮށްގެން ތަނަށް ލިބިފައިވާ މާބޮޑު މަންފާއެއް ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިގޮތަށް އިތުރަށް ފެން ގަންނަން ޖެހިފައި ވަނީ ޕްލާންޓުން އުފައްދަންޖެހޭ ފެން އުފެއްދިފައި ނުވާތީ އާއި، ދުވަހުން ދުވަހަށް ފެން އުފެއްދޭ މިންވަރު މަދުވެފައިވާތީކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ޕްލާންޓަކީ ދުވާލަކަށް 80 ޓަނުގެ ފެން އުފެއްދުމަށް ގަނެފައިވާ ޕްލާންޓެއް ނަމަވެސް، ފެން އުފައްދަން ފެށުނުއިރު އުފެއްދެނީ ދުވާލަކަށް 54 ޓަނުގެ ފެން ކަމަށާއި، އަދި އޯގަސްޓް 2017 ގެ ފަހުން އުފެއްދެނީ ދުވާލަކަށް 22 ޓަނުގެ ފެން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދީފައިވާ ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޕްލާންޓް ނުނިމި ދިގުލައިގެން ގޮސްފައި ވުމުގެ ސަބަބުން އެދުވަސްތަކަށް 10.82 މިލިއަން ރުފިޔާގެ ފެން ވަނީ ގަނެފައެވެ.
މި ޕްލާންޓަކީ 31 ޑިސެމްބަރ 2012 ގައި އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 1.2 މިލިއަން ރުފިޔާއަށް ހޯދާފައިވާ ޕްލާންޓެކެވެ. އަދި މި ޕްލާންޓް ބެހެއްޓުމަށްޓަކައި ޕްލާންޓް ހައުސްއެއް އެޅުމުގެ އިތުރުން ބޯހޯލް ކުރުމުގެ މަސައްކަތް ވަނީ ޕްރިސްކޯއާ ހަވާލުކޮށްފައެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމަސައްކަތް ނިންމުމަށް ޕްރިސްކޯއަށް ދީފައިވާ މުއްދަތު އިތުރުކުރަމުންގޮސް މަސައްކަތް ނިންމުމަށް އެންމެ ފަހުން ދީފައިވާ ތާރީޚަކީ 21 ޑިސެމްބަރ 2014 އެވެ. އެހެންނަމަވެސް ޕްލާންޓް ހައުސްއާއި ބޯހޯލް ކުރުމުގެ މަސައްކަތް ނިންމާލެވިފައި ވަނީ އިތުރު 25 ދުވަސްފަހުންނެވެ. އަދި ޕްލާންޓުން ފެން އުފައްދަން ފަށާފައި ވަނީ ޕްލާންޓް ހައުސްގެ މަސައްކަތް ނިމުނުތާ 8 މަހާއި 14 ދުވަސް ފަހުން ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް ޕްލާންޓް ނިމި ޕްލާންޓް ބޭނުންކުރުން ލަސްވެފައިވާ ސަބަބެއް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް ވެސް އެއޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.