ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިހާރުން މިހާރަށް މިނިވަން ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީން ބުނީ ރައީސް އަބްދުﷲ ޔާމިންއަކީ ރަހުމެއް، އިންސާނިއްޔަތުގެ ކަމެއްހުރި ވެރިއެއް ނޫން ކަމަށާއި، ފިތުރު އީދު ދުވަހުގެ ކުރިން ރައީސް މައުމޫނަށް އިއްވި ޖަލު ހުކުމުން އެކަން ސާބިތުވާ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އިއްވި ހުކުމެއް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
ރައީސް މައުމޫނަށް ކުރި ހުކުމް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އަދާލަތު ޕާޓީން ވަނީ މިހާރުން މިހާރަށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފަ އެވެ.
ރައީސް މައުމޫން ޖަލަށްލުމަށް ހުކުމް ކުރުމާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި އެމަނިކުފާނަށްގެ މައްޗަށް އިއްވި ހުކުމަކީ ނާއިންސާފު ހުކުމެއް ކަމަށް ބުނެ ވަގުތުން މިނިވަން ކުރުމަށް އަންނަނީ ގޮވާލަމުންނެވެ.
ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެންނެވެ. އެ ދައުވާ ސާބިތު ކުރީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ރައީސް މައުމުން ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައެވެ.