ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ މެލޭޝިއާގެ ކުރީގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރުގެ ނައިބު ވަން އަޒީޒާ ވަން އިސްމާއިލްގެ ފިރިކަލުން އަންވަރު އިބްރާހިމްއާއި ބައްދަލުކުރައްވައިފިއެވެ.
ލައިލާ، އަންވަރާއި ބައްދަލުކުރެއްވީ އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ޑޯޓީ ސްޓްރީޓް ޗެމްބަރސްގައި އޮތް އިވެންޓެއްގައެވެ. މި އިވެންޓްގައި އަންވަރު ވަނީ އެމަނިކުފާނަށް މެލޭޝިއާގެ ސިޔާސީ މަސްރަހުގައި ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ނަޖީބް ރައްޒާޤްގެ ބޮޑުވަޒީރުކަމުގައި މެލޭޝިއާގައި ހިނގި ކޮރަޕްޝަންގެ އަމަލުތަކަށްފަހު، އެޤައުމު ހަމަމަގަށް ގެނައުމަށް ކުރެވުނު މަސައްކަތަކާއި ގުޅޭގޮތުން އަންވަރު ވާހަކަ ދެއްކެވިއެވެ.
އަންވަރު އަކީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކަށްފަހު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ޖަލުގައި ހުންވައިގެން މަސައްކަތްތަކެއް ކުރެއްވިއެވެ. ނަޖީބު ރައްޒާޤްގެ ވެރިކަން ބަދަލުކުރުމަށް މިހާރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދާއިއެކު މަސައްކަތްކުރައްވައި، އަންވަރު ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. ސިޔާސީ ގޮތުން ހިންގުނުކަމަށް މެލޭޝިއާގެ ގިނަ ރައްޔިތުން ދެކޭ ޝަރީޢަތަކަށްފަހު އަންވަރު ޖަލަށް ލެވިފައިވަނިކޮށް އެމަނިކުފާނު މިނިވަންވީ މަހާތީރު ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށްފަހުއެވެ.
އަންވަރުގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއީލް އަކީ މިހާރު މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބެެވެ. އަންވަރުގެ ދަރިކަނބަލުން ވިދާޅުވީ އަންވަރު ޖަލުގައި ހުންނެވިއިރު ރައީސް ނަޝީދުގެ ހަޔާތްޕުޅުން ފިލާވަޅުތަކެއް ހޯއްދެވިކަމަށެވެ.
ރައީސް ނަޝީދުގެ އަނބިކަނބަލުންނާއިއެކު ވާހަކަ ދައްކަވަމުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ އިތުރުން ދެޤައުމުގެ ސިޔާސީ މަސްރަހުގައި ހުރި އެއްގޮތް ކަންތައްތަކާއި މެދު ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ.