ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 02:39
ރާއްޖޭގައި އިންތިހާބުވެވަޑައިގަތް ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދު (ކ) އަދި ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ރައީސް މައުމޫން (ވ)
ރާއްޖޭގައި އިންތިހާބުވެވަޑައިގަތް ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދު (ކ) އަދި ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ރައީސް މައުމޫން (ވ)
ރައީސް އޮފީސް
ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމް
ޑިމޮކްރަސީގައި އޮންނަނީ ލީޑަރުގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު
ޑިމޮކްރަސީގެ ހަގީގީ މާނަ ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ
ޕާޓީގެ ފިކުރަށްވުރެ އިސްކުރެވެނީ ލީޑަރުގެ ފިކުރު
ރާއްޖެއަކީ ކުޑަ ގައުމަކަށްވުމާއެކު ޑިމޮކްރަސީއެއް ހިންގުމަށް ދަތިތަކެއް އެބަހުރި

އަދުގެ މުޖްތަމައުގައި "ޑިމޮކްރަސީ"އަކީ އަތްމަތީ ބަހެކެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން ގޮސް މާމައިންނާއި ކާފައިންނަށް ޑިމޮކްރަސީއަކީ އާއްމު ބަހެކެވެ. އެހެން ނަމަވެސް މި ދިވެހި ގައުމުގައި ޑިމޮކްރަސީގެ އަސްލު ހަގީގީ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޑިމޮކްރަސީގެ އަސްލު ފޮނިމީރުކަން ހޯދައިގަންނަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޑިމޮކްރަސީއަކީ ކުރުގޮތަކަށް ބުނާނަމަ މީހުންގެ ވެރިކަމެކެވެ. ހުރިހާ ބާރެއް ވެސް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައެވެ.

ޑިމޮކްރަސީއަށް ބަހަވީ ނަޒަރަކުން ބަލާލާއިރު މިއީ ގްރީކް ދެ ބަހެއް އެކުވެގެން އުފެދިފައިވާ ބަހެކެވެ. އެގޮތުން އޭގެ ފުރަތަމަ ބަހަކީ "ޑީމޯސް" އެވެ. މާނައަކީ މީހުންނެވެ. ދެވަނަ ބަހަކީ "ކްރަޓޯސް" އެވެ. މާނައަކީ އޮތޯރިޓީ ނުވަތަ ކަންކަން ނިންމުމުގެ ބާރެވެ. މިއީ ޑިމޮކްރަސީ މި ބަސް އެކުލެވިގެންވާ ގޮތެވެ. ބަހުގެ ގޮތުން ބަލާއިރާއި، އަމަލީ ގޮތުން ބަލާއިރު މި ދިވެހިރާއްޖޭގައި ހިނގަމުން މިދަނީ ޑިމޮކްރަސީއެއްތޯ، މިއީ އަޅުގަނޑުމެން ކޮށްލަން ވަރަށް ރަނގަޅު ސުވާލެކެވެ.

ތެދެކެވެ. ފެހި ގާނޫނު އަސާސީގެ ދަށުން ބަލާއިރު ހުރިހާ ބާރެއް ވެސް އޮތީ ރައްޔިތުންގެ އަތް މަތީގައެވެ. ކަން ހިނގަނީ އެހެން ނޫންކަން އަޅުގަނޑުމެން އެންމެންގެ ލޯ މައްޗަށް ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން ޝައްކެއް ނެތް މިންވަރަށް އެނގެއެވެ.

ޑިމޮކްރަސީއަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުވަތަ ބަޔަކު މެދުވެރިކޮށް އަމަލުކުރެވިދާނެ ނިޒާމެކެވެ. ޒަމާނީ ޑިމޮކްރަސީގައި ކަންކަން ނިންމަނީ ގާއިމުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ވިސްނުމަށެވެ. މި ވިސްނުމަކީ އެ ޕާޓީއެއްގެ ސިޔާސަތުތައް ބިނާވެފައިވާ ވިސްނުމެވެ. ބާރުތައް ހިންގާނެ ގޮތް ކަނޑައަޅަނީ ޕާޓީ ފެންވަރުގައި މަސައްކަތްކޮށްގެންނެވެ. ލީޑުކުރަން ވެރިޔަކު އިންތިހާބުކުރަނީއެވެ. އެ ވެރިޔަކު ފެއިލްވެއްޖެނަމަ އެ ވެރިޔަކު ޕާޓީގެ އިސް ސަފުން ފެޔަށް ޖެހިލަނީއެވެ.

ދުނިޔޭގެ އެންމެ ފުރިހަމަ ޑިމޮކްރަސީގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެމެރިކާގައި ވެސް ކަން ހިނގަނީ އެހެންނެވެ. 2016 ވަނަ އަހަރު އެ ގައުމުގައި ބޭއްވި އިންތިހާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަން އިންތިހާބުން ބަލިވުމާއެކު ޕާޓީގެ އިސް ސަފުން ފެޔަށް ވަޑައިގަތީއެވެ. ބަރަކް އޮބާމާއާ ވާދަކޮށް ބަލިވި ދެ ކެންޑިޑޭޓުން ކަމަށްވާ މިޓް ރޮމްނީ އަދި ޖޯން މެކެއިން ވެސް ރިޕަބްލިކަން ޕާޓީގެ އިސް ސަފުން ދުރަށް ޖެހިވަޑައިގަތީއެވެ. އެބޭފުޅުންނަށް އަލުން އަނބުރާ ޓިކެޓް ހޯއްދައިވެގެން ވާދަކުރެއްވުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިއްޕެވީއެވެ.

އިނގިރޭސިވިލާތުގައި ވެސް ކަން ހިނގަނީ އެހެންނެވެ. ޕާޓީއަކީ ލީޑަރަކަށް ހުންނަ މީހަކަށްވުރެ ބޮޑު އެއްޗެކެވެ. ވޯޓު ދެނީ ފިކުރަކަށެވެ. ވޯޓު ދެނީ ޕާޓީއަށެވެ. ޕާޓީގެ ހުންގާނުގައި ހުންނަވާ ބޭފުޅާއަށް ވޯޓު ދޭ ތަނެއް ދުނިޔޭގެ "ފަންކްޝަނަލް" ޑިމޮކްރަސީތަކުން ނުފެނެއެވެ. ފެއިލް ވެފައިވާ ބޭފުޅުންނަށް ދެވަނަ ފުރުސަތު ދެވޭ ތަނެއް މަދުން ނޫނީ ނުފެނެއެވެ.

މިއަދު ދިވެހިންނަށް ޕާޓީ އަދި ލީޑަރު ވަރަށް ބޮޑަށް މިވަނީ އޮޅިފައެވެ. ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު ޕާޓީތަކުގައި ވެސް ކަން ހިނގަނީ މިގޮތަށެވެ. ލީޑަރަކީ ޕާޓީ ކަމުގައި އެންމެނަށްވެސް މިވަނީ ހީވެފައެވެ. ލީޑަރު ނެތްނަމަ އެއީ ޕާޓީއެއް ކަމަށް ބެލެވެން ނެތެވެ. ކެމްޕެއިން މިކުރަނީ ލީޑަރުގެ ފޮޓޯ ޖަހައިގެންނެވެ. މެނިފެސްޓޯއަކަށް މިވަނީ ލީޑަރުގެ ވިސްނުމާއި ފިކުރެވެ. ޕާޓީގެ ފިކުރު ވީތަނެއް ވެސް ނޭނގެވެ.

ފަހަރުގައި ރާއްޖެއަކީ ކުޑަ ގައުމަކަށްވުމާއެކު ކަން މިހެން ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. އެއް ކެނޑިޑޭޓަކަށް މެނުވީ ވޯޓު ނުލިބިދާނެ ކަމަށް ގަބޫލުކުރެވިދާނެއެވެ. އެހެން ނަމަވެސް ކަން އޮތީ މިގޮތަކަށް ނޫނެވެ. މިއީ ހީކުރެވޭ ކުށް ހީއެކެވެ. ޑިމޮކްރަސީއަކީ ވަކި މީހެއް ނޫނެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި އެންމެން ވެސް ހަމަހަމައެވެ.

ޑިމޮކްރަސީ އެކުލެވިގެންވަނީ މައިގަނޑު ހަތަރު އަސާސަކަށެވެ. ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއްގައި ކޮންމެ ރައްޔިތަކަށް ވެސް އެންމެ މަތީ ފަންތީގެ ތަރައްގީ ޔަގީންކޮށްދޭން ޖެހެއެވެ. ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީގެ ދަށުން އެންމެ އެދެވޭ މިންވަރަކަށް މިނިވަންކަން އޮންނަން ޖެހެއެވެ. ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ފުރުސަތާއި ހައްގުތައް ލިއްބައިދިނުމެވެ. ދެން އޮތީ ރައްޔިތުންގެ މައްޗަށް އޮތް އަސާސެވެ. އެއީ ފުރިހަމަ މުޖުތަމައުއެއް ބިނާކުރުމަށް އެންމެން ވެސް އެއްބާރުލުން ދިނުމެވެ. ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމެވެ.

ޑިމޮކްރަސީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމަށް ރައްޔިތުން ވާންޖެހޭނީ ތައުލީމީ އަދި ޒިންމާ ނަގާ ބަޔަކަށެވެ. ދައުލަތަކީ އިގްތިސާދީ ގޮތުން "ސްޓޭބަލް" ދައުލަތަކަށް ވާންޖެހެއެވެ. މުޖްތަމުއުގައި އުޅޭ މީހުންނަކީ އެކަކު އަނެކަކުގެ ހިޔާލަށް އިހުތިރާމްކޮށް ކަންކަން ހޯދައިގަންނަން ބޭނުންވާ މީހުންނަށް ވާން ޖެހެއެވެ. ހަމައެހެންމެ "ރޫލްސް އޮފް ދަ ޑިމޮކްރެޓިކް ގޭމް" އެންމެން ވެސް ގަބޫލުކުރަން ޖެހެއެވެ.

އޭގެތެރޭގައި ހިމެނެނީ މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމެވެ. އިންތިހާބުތަކުން ބަލިވާ ފަރާތްތައް ބަލި ގަބޫލުކޮށް، މޮޅުވާ ފަރާތްތަކަށް ކަންކަން ނިންމުގެ ފުރުސަތު ދޭން ޖެހޭނެއެވެ. މެޖޯރިޓީ ލިބޭ ފަރާތްތަކުގެ މައިނޯރިޓީ ލިބޭ ފަރާތްތަކުގެ ހިޔާލާއި ހައްގުތަކަށް އިހުތިރާމް ކުރުމެވެ. ކުރިޔަށް އޮންނަ އިންތިހާބެއް މައިނޯރިޓީއިން ކާމިޔާބުކޮށްފިނަމަ ކަންކަން ނިންމުގެ ބާރުތައް އެމީހުންގެ އަތް މައްޗަށް ދޫކޮށްލުމެވެ.

ރާއްޖޭގައި ކަން ހިނގަނީ މިހެންތޯ މިއީ އަމިއްލަ ނަފްސާއި ވެސް ކޮށްލުން ރަނގަޅު ސުވާލެކެވެ. ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުމަށް އެތަކެއް ހުރަސްތަކެއް ރާއްޖޭގައި ހުރިކަން ގަބޫލުކުރަން ޖެހެއެވެ. ޑިމޮކްރަސީ މަސައްކަތްކުރާނީ އެކަކު އަނެކަކަށް އިހުތިރާމްކޮށްގެންނެވެ. އެންމެނަށް ހަމަހަމަ ފުރުސަތު ދެވިގެންނެވެ. އެންމެންގެ ބަސް ވެސް އަޑު އިއްވިގެންނެވެ. ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދެވިގެންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ޒަމާންވީ އާދަ ނައްތާލައިގެންނެވެ. އެންމެން ވެސް ދެކެން ބޭނުމީ އަމާން ޑިމޮކްރެޓިކް ރާއްޖެއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
13 ޖޫން 2018 | ބުދަ 23:11
ގަލޮޅު މީހާ
އިސްލާމް ދީނުގައޮނަނީ ވަލީއަހުދައް ކިޔަމަން ވުމަށް ޑިމޮކްރަސީ ނުޖެހޭ މުސްލިމު ގައުމެއްގެ އޮނާކަށް . އިލާހީ ގާނޫނުތައް ގާއިމުކުރޭ