ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ޔާމީންގެ އަނބިކަނބަލުން ބައްސަވާ ޢީދު ހަދިޔާ ޕެކްކުރުމުގެ މަސައްކަތް މުލީއާގޭގައި އެބަކުރައްވައެވެ.
ދައުލަތުގެ އިމާރާތެއްގެ ތެރޭގައި މިމަސައްކަތް ކުރަމުންދާއިރު ރައީސް ޔާމީންއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަމިއްލަފުޅު ހައިސިއްޔަތުން ހިންގާ ހަރަކާތްތަކާއި، ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ހަރަކާތްތައް މުލީއާގޭގައި ކުރަމުންދާތީ އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މީގެ ކުރީގައިވެސް ރައީސް ޔާމީންގެ އަނބިކަނބަލުންގެ އެކިއެކި މަސައްކަތްތަކުގައި އުޅުއްވާ މަޖިލިސް މެމްބަރުން ވަނީ ބުދަ ދުވަހުގެ ރޭ އެކަމަނާގެ ޢީދު ހަދިޔާތައް ޕެކްކުރައްވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ރައީސްގެ އަނބިކަނބަލުން އެކިއެކި ދުވަސްތަކާއި ދިމާކޮށް، އަދި އެކި ފަރާތްތަކާއި ބައްދަލުކޮށް ދެއްވާ ހަދިޔާތަކާއި ސިޓީއުރާގައި ބަންދުކޮށްފައި ދެއްވާ ފައިސާތަކަކީ ކޮންތަނަކުން ހޯއްދަވާ އެއްޗެއްތޯ ގިނަ ފަރާތްތަކުން ސުވާލު އުފައްދައެވެ. ސަބަބަކީ ރައީސް ޔާމީންގެ މުސާރައާއި، އެދެމަރިފިރިކަނބަލުންނަށް ލިބިވަޑައިގަންނަވާކަމަށް މީގެ ކުރިން ވިދާޅުވެފައިވާ އަދަދުތަކާއި، އެކަމަނާ މިހާރު ސިޔާސީ ކަންކަމަށް ކުރައްވާ ޚަރަދު ނުބައްދަލުވުމުންނެވެ.

އަނެއްކޮޅުން އެކަމަނާގެ މަސައްކަތްތަކުގައި އަތްގާތްކޮށްދެއްވަން އުޅުއްވާ ޕީޕީއެމްގެ މެމްބަރުންނަކީ ސިޔާސީގޮތުން ލިބިދާނެ ފައިދާއަކަށްޓަކައި އެކަމަނާގެ އަރިހުގައި އުޅުއްވާ ބޭފުޅުންކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.