ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، މެމްބަރު އިމްތިޔާޒް ފަހުމީގެ އިތުރުން މެމްބަރު ފައިސަލް ނަސީމްގެ މައްޗަށް ދައުވާނުކުރުމަށް ނިންމައި، މައްސަލަތައް ފައިލްކޮށްފިއެވެ.
ރާއްޖެއެމްވީ އެނގިފައިވާ ގޮތުގައި މައްސަލަތައް ފައިލްކޮށްފައި ވަނީ އެ މައްސަލަތަކީ ޖިނާއީ ދައުވާކުރެވޭނެ ފަދަ މައްސަލަތަކަށް ނުވާތީއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލާގައި ދައުވާނުކުރުމަށް ނިންމައި 23 މެއިގައި މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އޭގެ އިތުރުން މީޑިއާ އޮފިޝަލް އެއްވެސް އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ. އަދި ވިދާޅުވީ މައްސަލަ ފައިލްކޮށްފައިވާކަން ބުރާސްފަތި ދުވަހު (މާދަމާ) ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.
އެހެން ނަމަވެސް ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގަައި މައްސަލަ ފައިލްކޮށްފައިވަނީ މެއި 23 ގެ ފަހުންނެވެ.
ތިން ބޭފުޅުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރޗު މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން އެ ތިން މެމްބަރުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވިކަމުގެ ތުހުމަތުއެވެ.
އެ މައްސަލާގައިި އެ ތިން މެމްބަރުން ވެސް އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ބަޔާންތައް ވެސް ނަގާފައިވެއެވެ.
ތިން މެމްބަރުންގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ، އަލީ ނަޒީރުގެ މަައްޗަށް ވެސް ހަމަ އެއް ތުހުމަތެއް ކުރެއެވެ.