އއ. އުކުޅަހުގައި ބާއްވާ އެމްޑީޕީގެ "އާދަޔާ ހިލާފު ކޮންގެރެސް"ގެ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ޕާޓީގެ ޓީމް އެ ރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހާއި، 30 ވަނަ ދުވަހުއެވެ. އެ ކޮންގްރެެސްގެ ތައްޔާރީތަކަށް ޕާޓީގެ ޓީމް އުކުޅަހަށް ގޮސްފައިވާއިރު، ޓީމްގައި އިސްކޮށް ހުންނެވީ ކޮންގްރެސް ކޮމެޓީގެ މުޤައްރިރު އަލީ ހާޝިމްއެވެ.
އެ ޓީމުން ކޮންގްރެސް ބާއްވާނެ ސަރަހައްދު ފައިނަލްކޮށް، ކޮންގްރެސް އެ ރަށުގައި ބާއްވާ ސަރަހައްދު ތައްޔާރުކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ކޮންގްރެސްއަށް އަންނަ މަންދޫބުންގެ ހުރުމާއި ކެއުމުގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ހަމަޖެހިފައިވޭތޯ އެ ޓީމުން ކަށަވަރުކުރާނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
@MDPSecretariat Congress beyvvumuge thayyareethah kuriah dhanee. Congress Committee ge Chair @AyyaMDV aa team Ukulhahugai. pic.twitter.com/gHx3R75XXJ
— MDP Secretariat (@MDPSecretariat) June 13, 2018
އުކުޅަހުގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ނިންމީ، މާލެއިން ކޮންގްރެސް ބާއްވާނެ ތަނެއް ނުލިބުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ކޮންގްރެސް ޖޫން މަހު ބާއްވަން ނިންމާފައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައެވެ. ޖޫން މަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒެވެ. ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 31 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.