ރާއްޖެ ސަރަހައްދުގައި ވާރލްޑްކަޕް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) ގަތް ގޮތާ މެދު ސުވާލު އުފައްދަވައި އެތަނުގެ ޗެއާރމަން އިބްރާހިމް އުމަރު މަނިކު ބަޔާނެއް ނެރުއްވައިފިއެވެ.
ޕީއެސްއެމްގެ ލެޓާހެޑުގައި ބުދަ ދުވަހު މަނިކު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ވާރލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ރައިޓްސް ގަތުމުގެ ހުއްދަ ޕީއެސްއެމްގެ ގަވަރނިންގ ބޯޑުން އެތަނުގެ މެނޭޖުމަންޓަށް ހުއްދަ ދީފައި ވަނީ މިހާތަނަށް ރާއްޖޭއަށް ވާރލްޑްކަޕް ދެއްކުމުގެ ރައިޓްސް ނުގަންނަ ވަރުގެ ބޮޑު އަގުގައި ކަމަށެވެ.
އެގޮތުން ރާއްޖެ ސަރަހައްދުގައި ވާރލްޑްކަޕް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް ނުވަތަ ހުރިހާ ބްރޯޑްކާސްޓް ވަސީލަތްތަކެއް ހިމެނޭ ގޮތަށް ހަމައެކަނި ޕީއެސްއެމަށް އެ ރައިޓްސް ގަނެފައި ވަނީ 9.25 މިލިއަން ރުފިޔާއަށް ކަމަށް މަނިކު ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ އެކަން އެހެން އޮއްވައި އަންގާރަ ދުވަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރާއްޖޭގެ ރީބްރޯޑްކާސްޓަރުންނަށް ވާރލްޑް ކަޕް ވަގުތުން ދެއްކޭނެ ކަމަށް ބުނެފައި ވާތީ އެކަމާ މެދު ހިތާމަކުރައްވާ ކަމަށެވެ. އެފަދަ ނިންމުމެއް ބްރޯޑްކޮމް އިން ނިންމީ ކޮން އަސާސެއްގެ މައްޗަށްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
ޕީއެސްއެމްގެ ހޯދާފައިވާ އެކްސްކުލޫސިވް ރައިޓްސްއާ މެދު ސުވާލު އުފައްދަވައި މަނިކު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ ގަވަރނިންގ ބޯޑުން ހުއްދަ ދިން ގޮތަށް ޕީއެސްއެމާއި މި ސަރަހައްދުގެ ވާރލްޑްކަޕް ބްރޯޑްކާސްޓް ރައިޓްސް އޮތް ކުންފުންޏާ ދެމެދު އެގްރީމަންޓެއްކޮށްފައިވާ ނަމަ، ރާއްޖޭގައި ވާރލްޑްކަޕް ދެއްކޭނީ ޕީއެސްއެމަށް އެކަނި ކަމަށެވެ. އެހެން ބަޔަކަށް ރާއްޖޭގައި ވާރލްޑްކަޕް ދެއްކޭނީ ޕީއެސްއެމުން ހުއްދަ ދޭ ފަރާތްތްތަކަށް ކަމަށް މަނިކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީއެސްއެމްގެ ގަވަރނިންގ ބޯޑުން ހުއްދަ ދީފައިވާ ގޮތާ ހިލާފަށް، ޕީއެސްއެމްގެ މެނޭޖުމަންޓުން ރާއްޖޭގެ ސަރަހައްދުގެ ވާރލްޑް ކަޕް ރައިޓްސް އޮތް ފަރާތާ އެކު އެގްރިމެންޓެއް ހަދާފައިވާ ނަމަ އެއީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބަލައި ތަހުގީގު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މަނިކު ވިދާޅުވެފައިވެއެވެ.
"ޕީއެސްއެމްގެ ގަވަރނިންގ ބޯޑުން ހުއްދަ ދީފައިވާ ގޮތަށް އެއްބަސްވުން ހަދާފައިވާ ނަމަ، އެ އެއްބަސްވުމާ ހިލާފަށް ރާއްޖޭގެ ސަރައްހައްދުގައި ބްރޯޑްކާސްޓް ކުރުމާއި އަދި ރީބްރޯޑްކާސްޓް ކުުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދިނުމަކީ ވެސް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމުގައި ވެސް އަޅުގަނޑުދެކެމެވެ،" ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕީއެސްއެމްގެ ބޯޑުގެ ޗެއާރމަން މަނިކު ނެރުއްވި ބަޔާނުގައިވެއެވެ.