ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ހުކުމް އިއްވީ ބޭއިންސާފު ޝަރީައަތަކުން ކަމަށާއި، ރާއްޖެ ބަދަލުކުރަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ހުކުމް އިއްވެވުމުގެ ކުޑަ ވަގުތުކޮޅެއްކުރިން ކުރީގެ ރައީސް ނަޝީދުގެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރައީސް އަށް ހުކުމް އިއްވީ ބަނޑޭރިގޭ ބޭރުގައިި ފަތްޖެހި އެނދުގައި ކަމަށެވެ.
އެއީ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ އަދި ހަމައެކަނި ރައީސް، މުހައްމަދު އަމީން ދީދީ އެވެ.
އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ދެވަނަ ރައީސް ހުންނެވީ މުޅި އުމުރުގެ ބާކީ ބައިގައި ރާއްޖެއިން ބޭރަށް އަރުވާލެވިފައިކަމަށާއި، ރާއްޖޭގެ ތިން ވަނަ ރައީސްއަށް ހުކުމް އިއްވަނީ ޖަލުގައި ތިން މަސް ބަހައްޓައިގެން، ބޭއިންސާފުން ޝަރީޢަތްކޮށް ކަމުގައެވެ.
ދިވެހި ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސް އަކީ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަން 30 އަހަރުކުރެއްވިއިރު، ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ރައީސްއަކީ އަލްމަރްހޫމް އިބްރާހިމް ނާސިރު އެވެ. ނާސިރުއަކީ ދިވެހި ރާއްޖެއަށް މިނިވަންކަން ހޯދިދެއްވި ވެރިޔާ އެވެ.
ތާރީހްގެ ތެރެއިން ތިން ރައީސުންގެ މައްޗަށް ހުކުމް އިއްވުނުގޮތާއި، އެ ރައީސުންނާއިމެދު ކަންތައްތައްވެގެން ގޮސްފައިވާގޮތް ފާހަގަކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލުކުރަންޖެހޭކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެމަނިކުފާނެއް ވިދާޅެއްނުވެ އެވެ.
Raajjege furathama Raees ah hukum ihvee Bandeyrigey beyruga faiyjehi endhehgai baahvaigen. Dhevana Raees hunnevee mulhi umuru ge baakee raajje in beyrah aruvaa levifai. Thinvana Raees jalugai 3 mas bahattaa beyinsaafun shareeaiykoh miadhu hukum ihvanee. Raajje badhalu kuranjehey
— Mohamed Nasheed (@MohamedNasheed) June 13, 2018
ރައީސް ނަޝީދަކީ ދިވެހި ޖުމްހޫރިއްޔާގެ 4 ވަނަ ރައީސް އެވެ. އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވުމަށް ކުރިއަށްގެންދިޔަ ޝަރީއަތްތަކަކީވެސް އިންސާފުގެ ހަމަތަކުގެ ބޭރުން ކުރިއަށް ގެންގޮސްފައިވާ ޝަރީއަތްތަކެއް ކަމަށް އދ. އިންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔަރުންގެ އިއްތިފާޤުން ވަނީ ނިންމާފަ އެވެ.
އޭގެއިތުރުން ރައީސް މައުމޫންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ދިފާއީ ހެކި ހުށައެޅުމަށް ފުރުސަރު ދިނުމެއް ނެތި، ޤާނޫނީ ވަކީލެއްގެ ފުރުސަތުވެސް ދިނުމެއް ނެތި އެވެ. އަދި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސްތައްވެސް ކުރިއަށް ގެންގޮސްފައިވަނީ އިންސާފުގެ ހަމަތަކުގެ ބޭރުންކަމަށް ޤާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.