މިދިޔަ މޭ މަހު އެންމެ ގިނަ އިން ޖެންޑާއަށް ހުށައެޅިފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ މޭ މަހާ ހަމައަށް އެ މިނިސްޓްރީއަށް ހުށައެޅިފައިވާ 188 މައްސަލައިގެ ތެރެއިން 108 މައްސަލައަކީ ކުޑަކުދިންނަށް ދޭ އެކި ކަހަލަ އަނިޔާތަކާ ގުޅޭ މައްސަލަތަކެވެ. މިއީ މޭ މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 57 އިންސައްތައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ 37 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 30 މައްސަލައަކާއި، އިހުމާލުވުމުގެ 20 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ނުވަ މައްސަލަ، ނަފްސާނީ ހާނީއްކައިގެ ހަ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގޯނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ އަދި ކުދިންގެ ޖިންސީ ނާޖާއިޒު ފައިދާ ނެގުމުގެ 1 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
ކުޑަކުދިންނާ ގުޅޭ އެހެނިހެން މައްސަލަތަކަށް ބާލާއިރު، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ނުވަ މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އެއީ ތަޢުލީމަށް ހުރަސް އެޅުމުގެ ހަތް މައްސަލަ އާއި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ ދެ މައްސަލައެވެ.
ޖެންޑާއަށް ހުށައެޅުނު ޢާއިލީ މައްސަލަތަކަށް ބަލާއިރު، ޢާއިލީ 26 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިއީ މޭ 2018 ގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ޖުމުލަ 14 އިންސައްތައެވެ.
މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 17 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ އަށް މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ އެއް މައްސަލަ ހިމެނެއެވެ.
އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ދެ މައްސަލައެއް މިދިޔަ މަހު ހުށައެޅިފައިވާއިރު، އެއީ މާރާމާރީ ހިންގުމުގެ ދެ މައްސަލައެވެ.
ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކަށް ބަލާއިރު، އަޚުލާޤާ ގުޅުން ހުރި އަށް މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ތިން މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ އެއް މައްސަލަ އަދި އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ ނުވަތަ ސައިބަރ ބުލީންގކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 22 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 11 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ފަސް މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ ތިން މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ ދެ މައްސަލަ އަދި ރޭޕްގެ އެއް މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ފަސް މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ދެ މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ހަ މައްސަލައެއް ވެސް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް ޖެންޑާއިން މައުލޫމާތުދެއެވެ.