ފުލުހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި ހެކި ރައްކާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށާއި އެއީ ހެކި ބަސްދޭ މީހާ ސިއްރު ކުރުން ކަމަށް ވާނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާނު ވިދާޅުވެއްޖެއެވެ.
ފުލުސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފްރެންސްގައި ވާހަކަދައްކަވަމުން ޝިފާން ވިދާޅުވީ، ސިއްރު ހެކި ހުށަހަޅަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލޫތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ސިއްރު ހެކި ހުށަހަޅައިގެން ޝަރީއަތްތައް ހިންގުމަކީ ގާނޫނާ ފުށޫ އެރުންތަކެއް ހުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ބޮޑެތި މައްސަލަތަކުގައި މި އުސޫލުން އަމަލު ކުރާ ކަމަށެވެ.
"މިކަމަކީ ދިވެހިރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން. އެކި އެކި ބޮޑެތި މައްސަލަތަކުގައި ހެކި ބަސްދޭ ފަރާތްތަކަށް ހުރި އެކިކަހަލަ ރިސްކުތައް އައިޑެންޓިފައިކޮށްފައި، އަދި އެއްވެސް ކަހަލަ ތްރެޓެއް އައިޑެންޓިފައި ކޮށްފައިވާ ނަމަ ސިއްރު ހެކި ނަގާނެ،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ މިކަމަކީ ހެކިބަސްދޭ މީހާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި އެހެން ކަމުން ހެކި ބަސް ހުށަހަޅާ ފަރާތައް ބޭނުންވާ ރައްކާތެރިކަން ފުލުހުން ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"މިކަމަކީ ހެކިބަސްދޭ މީހާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް. މި ހިނގާދިޔަ ބޮޑެތި ކަންކަމުގައި މިފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާފައިވާ މަރުގެ މައްސަލަތަކުގައާއި އެ ނޫން ވެސް ބޮޑެތި މައްސަލަތަކުގައި ސިއްރު ހެކީގެ ގޮތުގައި ހެކި ހުށަހަޅާފައިވާނެ. އަދި ހެކިބަސްދޭ މީހާއަށް އެބޭނުންވާ ރައްކާތެރިކަން ދިނުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރަން،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާފައި އެކި ރައްކާ ކުރުމަށް ބާރު އަޅާ ކަމަށާއި އެހެން ކަމުން ފުލުހުން އަމަލު ކުރަމުންދަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
މިފަދަ ކަންކަމުގައި ގަސްދުގައި ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށާއި މިފަދަ އަމަލުތައް ނުކުރުމަށް އެދޭ ކަމަށެވެ.
ޝިފާން ވިދާޅުވީ، ފުލުހުން ތަހުގީގުތައް ހިންގުމުގައި ހެކި ރައްކާ ކުރަންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ވެސް އެކަން ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.