އައިޑީ ކާޑު ނަމްބަރު ޖެހި ލިސްޓްތައް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) އަށް ދިން ގޮތަށް އެހެން ޕާޓީތަކަށް ވެސް ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.
ބުދަ ދުވަހު މަހުލޫފްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވަފައިވާ ޕޯސްޓެއްގައި މަހްލޫފް ވަނީ ލިސްޓްގައި އައިޑީކާޑު ނަމްބަރު ނެތީސް އައިޑީ ކާޑު ނަމްބަރު އޮތީ ރަނގަޅަށްތޯ ޗެކް ކުރާނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ.
ކޮންމެ ރައްޔިތަކަށް 1414 އަށް އެސްއެމްއެސް ކުރަން ނޭނގޭނެ ކަމަށާއި 1414 އަކީ ހިލޭ އެސްއެމްއެސް ކުރެވޭ ނަމްބަރަކަށް ނުވުމުން އެސްއެމްއެސް ކުރަން ބޭނުން ނުވާ އެތައް ބަޔަކު ތިބޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ލިސްޓްގައި އޮންނަ އައިޑީ ނަމްބަރު އަދި ނަން އައިޑީ ކާޑާ ދިމާ ނުވާ ނަމަ ވޯޓުލާން ފުރުސަތު ނުދޭނެ ކަމަށެވެ.
އީދާއި ވޯލްޑްކަޕް ފޯރީގެ ތެރޭގައި ވެސް ލިސްޓް ރަނގަޅަށް ޗެކް ކުރުން ވަރަށް މުހިއމު ކަމަށް މަހުލޫފް ވިދާޅުވިއެވެ. މީގެ އިތުރުން މަހުލޫފް ވިދާޅުވެފައި ވަނީ ވަގު ހަދާނެ ކަމަށާއި ނަމަވެސް އެންމެންގެ މަސައްކަތުން ވަގުހެދުން ކުޑަކުރެވޭނެ ކަމަށެވެ.
ވޯޓާސް ލިސްޓްގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އަންނަ ޖޫން މަހުގެ 20 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އެގޮތުން މާލޭގައި ނަމަ އިލެކްޝަން ކޮމިޝަނަށް، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ދެން ހުރި ރަށްތަކުގައި އެރަށްތަކުގެ ރަށު ކައުންސިލަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ނަމަ އެ ސިޓީގެ އަވަށު އޮފީސްތަކަށް ސިޓީ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.