ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރި މީހުންނާ އެކު ފުލުހުންނާ ކުރިމަތިލި ކަމަށް ތުހުމަތުކޮށް ސްޕެޝަން އޮޕަރޭޝަން (އެސްއޯ) ފުލުހެއްގެ މައްޗަށް، ހަތަރު ދައުވާއެއް އުފުލައިފިއެވެ.
ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރަން އުޅުނު މައްސަލާގައި ދައުވާ އުފުލި އަށް ފުލުހުންގެ ތެރެއިން، ބުދަ ދުވަހު އަޑުއެހުން ބާއްވާފައި ވަނީ ހއ. ދިއްދޫ ހެޕީލައިފް، އަލީ ނަސީރުގެ މައްޗަށެވެ. ފުލުހުންގެ ކޯޕްރަލްގެ މަގާމުގައި ހުއްޓާ، ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ އަލީ ނަސީރުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާއެވެ.
އެ ހަތަރު ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި ހުރި އަލީ ނަސީރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އަހުމަދު އަރީފު ހުންނެވިއިރު، ފެބްރުއަރީ 1 ވަނަ ދުވަހު އެސްއޯގެ މަސައްކަތަށް ނެރުމަށް އޭނާ ތައްޔާރު ކުރި ލިސްޓެއްގައި އަލީ ނަސީރުގެ ނަން ހިމެނޭ ކަމަށެވެ. އެގޮތުން ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގައިގެން ފުލުހުންގެ "ޓެކްޓިކަލް ޔުނީފޯމު" ލައިގެން، ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި ސަރަހައްދަށް އަލީ ނަސީރު ދިޔަ ކަމަށެވެ.
ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މުޒާހަރާގެ ބައިވެރިން ޗައިނާ އެމްބަސީއާ ދިމާލުން، ބޮޑުތަކުރުފާނު މަގުން ދެކުނަށްވާ ގޮތަށް، ފަހަތަށް ޖައްސާފައި ވަނިކޮށް، އަލީ ނަސީރު އެތަނަށް ގޮސް، މުޒާހަރާގެ ބައިވެރިންނާ އެކު ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށް އޭނާގެ މައްޗަށް އުފުލި ދައުވާތަކުގައި ވެއެވެ. އެގޮތުން ފުލުހެއްގެ ހައިސިއްޔަތުން އަލީ ނަސީރަށް މަތިކޮށްފައިވާ މަސައްކަތުގެ ދާއިރާއިން ބޭރުން، އަމަލުތައް ބެހެއްޓި ކަމަށާއި ބެރިކޭޑުތަކުގައި އަތް އަޅައި ކޮއްޕައި ހަދާފައިވާ ކަމަށް ވެސް ދައުވާތަކުގައި ވެއެވެ.
އޭގެ އިތުރުން ފުލުހުންގެ ޔުނީފޯމުގައި ހުރެ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، މަޖުތަމައުގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް، ގާނޫނު ހިންގުމަށް އަލީ ނަސީރު ހުސް އަޅާފައިވާ ކަމަށް ވެސް ދައުވާތަކުގައިވެއެވެ.
އަލީ ނަސީރުގެ މައްޗަށް އެ ދައުވާތައް އިއްވުމަށް ފަހު، އޭނާއަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ބުނީ މައްސަލާގައި ޖަވާބުދާރީ ވާނީ ގާނޫނީ ވަކީލަކާއެކުގައި ކަމަށެވެ. ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް އަލީ ނަސީރަށް ދީފައި ވަނީ 10 ދުވަހުގެ މުއްދަތެކެވެ.