އިމިގްރޭޝަންގެ ޤާނޫނާ ޚިލާފްވެގެން ފުރުވާލެވެންދެން ނުވަތަ އިމިގްރޭޝަނުން ވަކިގޮތެއް އަންގަންދެން ބަންދުގައި ބައިތިއްބާ ބިދޭސީންގެ އަތުން އަތުލެވޭ ފައިސާ ރައްކާ ކޮށްފައި ހުންނަ ތިޖޫރީން ފައިސާ ތަކެއް ގެއްލިއްޖެއެވެ.
އެކަން ހާމަވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުންނެވެ.
އެއޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފްވެގެން ފުރުވާލެވެންދެން ނުވަތަ އިމިގްރޭޝަނުން ވަކިގޮތެއް އަންގަންދެން ބަންދުގައި ބައިތިއްބާ ބިދޭސީންގެ އަތުން އަތުލެވޭ ފައިސާ ރައްކާކުރަމުންދަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ތިޖޫރީގައެވެ. އެގޮތުން ތިޖޫރީގައި ހުންނަންޖެހޭ އަދަދަށް ފައިސާ ހުރިތޯ ބެލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންޓަރނަލް އޮޑިޓް ސެކްޝަނުން ތަފާތު 5 ފަހަރެއްގެ މަތިން ތިޖޫރީގެ ހިސާބުތައް ބަލާފައިވާއިރު، އެއްވެސް ފަހަރެއްގައި ތިޖޫރީގެ ހިސާބުތައް ދިމާވެފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެސަރވިސްގެ އިންޓަރނަލް އޮޑިޓް ސެކްޝަނުން އެންމެ ފަހުގެ ތާރީޚެއްގައި ތިޖޫރީގެ ހިސާބުތައް ބަލާފައިވަނީ 03 ޖުލައި 2016 ގައި ކަމަށާއި އޭރު ތިޖޫރީގައި 123 ޑޮލަރު ހުންނަންޖެހޭ ކަމަށް ފައިސާއާ ހަވާލުވި ރަސީދުތަކުން ދެއްކިނަމަވެސް އެންމެ ޑޮލަރެއްވެސް ތިޖޫރީގައި ނެތްކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
އަދި އޮޑިޓް އޮފީހުގެ އޮޑިޓަރުން 03 ޖުލައި 2016 އިން ފެށިގެން 7 އޯގަސްޓް 2016 ގެ ނިޔަލަށް ތިޖޫރީގެ ހިސާބުތައް ބެލިބެލުމުގައި ފައިސާ ދޫކޮށްފައިވާކަމުގެ ލިޔެކިޔުން ނެތް 2170 ޑޮލަރު ތިޖޫރީން މަދުވެ ކޮންގޮތަކުން ލިބުނު ފައިސާއެއްކަން އެނގެން ނެތް 250 ޑޮލަރު ތިޖޫރީގައި އިތުރަށް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން 03 ޖުލައި 2016 ގައި މަދުވެފައިވާ ކަމަށް ބަޔާންކުރާ ފައިސާއާއެކު ޖުމްލަ 91،615 ރުފިޔާ ތިޖޫރީން މަދުވެ ކޮންގޮތަކުން ލިބިފައިވާ ފައިސާއެއްކަން އެނގެން ނެތް 127 ޑޮލަރު ތިޖޫރީގައި ހުރިކަން ފާހަގަ ކުރެވިފައިވާކަމަށް އެއޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އެހެންނަމަވެސް 03 ޖުލައި 2016 ގައި މަދުވެފައިވާ ފައިސާގެ ތެރެއިން 43935 ރުފިޔާ އާއި 86 ޑޮލަރު 07 އޯގަސްޓްގެ ކުރިން މުވައްޒަފުން އަތުން ހޯދައި ތިޖޫރީއަށް ޖަމާކޮށްފައިވުމުން އެ ތާރީޚްގެ ނިޔަށް ތިޖޫރީން މަދުވާ ފައިސާގެ އަދަދަކީ 47680 ރުފިޔާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.