މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުން ބުދަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ އިއުލާނެއްގައި ވަނީ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބުދަ ދުވަހު ހަވީރު 5.30 ން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީ ކައުންސިލް އިދާރާތަކާއި، އަތޮޅު ކައުންސިލް އިދާރާތައް އަދި ރަށު ކައުންސިލް އިދާރާތަކާއި އެރަށެއްގެ އަވަށު އޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މާލޭގައި ނަމަ ހެކިބަސް އަދާކުރަން ޖެހޭނީ މާލޭގެ ކޯޓެއްގެ ގާޒީގެ ކުރިމަތީގައި ކަމަށާއި އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.
އަދި އެރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ނެތް ނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ.
ހެކިބަސް އަދާ ކުރުމަށް އަންނަ ފަރާތުގެ އައުމާއި ދިއުމުގެ ޓެކްސީ ހަރަދު ދޭނެ ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.
ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
1439 ވަނަ އަހަރު ފިތުރު އީދުގެ ނަމާދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރުމަށް ހަމަޖެހިފައިވާއިރު މާލޭ ސިޓީގެ އަށާރަ މިސްކިތުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވިލިމާލޭގައި އީދު ނަމާފު ކުރުމަށް ހަމަޖެހިފައިވަނީ ދެ މިސްކިތެއްގައެވެ. އަދި ހުޅުލޭގެ އެއް މިސްކިތާއި ހުޅުމާލެ ތިން މިސްކިތުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
(މާފަންނު ސްޓޭޑިއަމް (ބޮޑުޖަމާޢަތް
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން
މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްޝުއްދީން
މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
މަސްޖިދުއްނޫރު
މަސްޖިދުއް ޝަޙީދު ޢަލީ
މަސްޖިދު ޞަލާޙުއްދީން
މަސްޖިދުއްޛިކްރާ
މަސްޖިދުލްފުރުޤާން
މަސްޖިދު އިސްކަންދަރު
މަސްޖިދުއްޖަލާލުއްދީން
މަސްޖިދު އިބްރާހީމް
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
ޒިޔާރަތް މިސްކިތް
މަސްޖިދު ޢަފީފުއްދީން
ވަގުތީ މިސްކިތް ( ބޮޑުގެ )
ވިލިމާލެގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލިބޯޅަދަނޑު)
މަސްޖިދުއްސަލާމް
ހުޅުލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތް:
މަސްޖިދުއްސަބީލް
ހުޅުމާލެގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތް:
ހުޅުމާލެ ބޮޑުޖަމާޢަތް ( ސެންޓްރަލް ޕާރކް)
މަސްޖިދު ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ
ހުޅުމާލެ ވަގުތީ މިސްކިތުގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.