ރާއްޖެއަށް އިންޑިއާ ސަރުކާރުން ދީފައިވާ ދެ ހެލިކޮޕްޓަރ ގެންދިއުމަށް ދިވެހި ސަރުކާރުން މުހުލަތެއް ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ސަރުކާރުން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރ ގެންދިއުމަށް ދީފައިވާ އެންމެ ފަހު މުހުލަތަކީ މިމަހުގެ އެންމެ ފަހު ދުވަހެވެ.
އިންޑިއާ ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ދެ ހެލިކޮޕްޓަރު ވެސް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށް މީގެ ކުރިންވެސް އަންގާފައެވެ.
އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖް ވަނީ މިކަމާއި ގުޅިގެން މިދިޔަ ހޯމަދުވަހު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަވާފައި ކަމަށް އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫގައި ވަނީ ބުނެފައެވެ.
ސަރުކާރުގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ މީގެ ކުރިން އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ބޭނުން ވަނީ އެޑްވާންސް ލައިޓް ހެލިކޮޕްޓަރެއްގެ(އޭއެލްއެޗް) ބަދަލުގައި ޑޯނިއަރ މެރިޓައިމް ސަރވައަލެންސް އެއަރކްރާފްޓެއް ކަމަށެވެ. އޭއެލް ދެ ހެލިކޮޕްޓަރ ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައި ވަނީ 2013 ވަނަ އަހަރުގައެވެ. އޭގެތެރެއިން އެއް ހެލިކޮޕްޓަރ އިންޑިއާގެ މަނަވަރުގެ ހަ ޕައިލެޓުން އަދި އަނެއް ހެލިކޮޕްޓަރގައި އިންޑިއާގެ ކޯސްޓްގާޑުގެ ނޭވީ ސިފައިންނާ ހަރަކާތްތެރިވެއެވެ. ދެ ހެލިކޮޕްޓަރު ގެންދަން އަންގާފައިވާ އިރު އިމަޖެންސީ ހާލަތްތަކުގައި މާލެއަށް ބަލިމީހުން އުފުލުމުގައި މިހާރު ވެސް އެ ދެ ހެލިކޮޕްޓަރު އަންނަނީ ބޭނުން ކުރަމުންނެވެ. އަދި ކަނޑުގެ ހާދިސާތަކުގައި މީހުންނާއި އުޅަނދު ފަހަރު ހޯދުމުގައި މީގެ ކުރިން ވެސް އެ ދެ ހެލިކޮޕްޓަރުގެ ބޭނުން އެމްއެންޑީއެފުން ވަނީ ހިފާފައެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރަންފެށީ މި ސަރުކާރުން އިންޑިއާއާ މެދު އަމަލުކުރަމުން ދާ ގޮތުންނެވެ.