މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު އާއި ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި އެ ބައްދަލުވުމުގެ މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާއިން ބުނީ މައިގަޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ރާއްޖެއަށް މަސްތުވާވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ކަމަށެވެ. މީގެ އިތުރުން ފުލުހުންނާއި ކަސްޓަމްސް އާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދެފަރާތް ގުޅިގެން މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ބައްދަލު ކުރެއްވުމަކީ ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް މުޙައްމަދު ޖުނައިދު އައްޔަނު ކުރެއްވުމާއި ގުޅިގެން މަރުޙަބާ ދެންނެވުމުގެގޮތުންނާއި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލު ވުމެއް ކަމަށް ފުލުހުން ބުނެއެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ބޭފުޅުންނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.