ދައުލަތުގެ ކުންފުނިތަކާއި އިދާރާތަކުގައި ހުންނަ މައްސަލަތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރުދެމުން ދިނުމަކީ ފިޔަވަޅު އެޅުމުގެ ޤާނޫނީ ބާރު ނެތުުންކަމަށް ޤާނޫނީ ވަކީލް އަބްދުﷲ ޙަސީން ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހަސީން ވިދާޅުވީ ކުންފުނިތަކުން އެއިންޒާރުދޭ ފަދައިން އާއްމު ރައްޔިތުންނާއި ދޭތެރޭ ފިޔަވަޅި ނޭޅޭނެކަމަށެވެ.
ފަހަކަށް އައިސް ސްޓެލްކޯ، އާސަންދަ ކުންފުނި، ބްރޯޑްކާސްޓިންގ ކޮމިޝަން އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީފަދަ ތަންތަނުން އާއްމު ރައްޔިތުންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުތައް ދެމުންދާތީ، އެއީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ސުވާލުކުރުމުން ހަސީން ވިދާޅުވީ ފިޔަވަޅެއް އެޅުމުގެ ބާރު އޮންނަ ނަމަ އެފިޔަވަޅެއް އަޅާނެކަމަށެވެ.
"ބުނާކަށް ނުޖެހޭ ދެއްތޯ؟ ފިޔަވަޅު އެޅެންޏާ އަޅުއްވަންވީ ނޫންތޯ؟ އަޅުއްވަން ބަލާއިރު ހަޤީގަތުގައި ޤާނޫނުން ބާރުލިބިދީފައި ނެތީމަ ވިދާޅުވާ އެއްޗެއް އެއީ،" ހަސީން ވިދާޅުވިއެވެ.
ހަސީން ވިދާޅުވީ އެއީ ބިރު ދެއްކުމުގެ ގޮތުން ބުނާ ބަހެއް ކަމަށެވެ. ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާނަމަ ވަރަށް އަވަހަށް އެކަން ކުރާނެ ކަމަށާއި، މިސަރުކާރަކީ އާއްމު ރައްޔިތަކާއި ދޭތެރޭ ފިޔަވަޅެއް އެޅެން އޮތިއްޔާ އެފިޔަވަޅު އަޅާނެ ސަރުކާރެއް ކަމަށް ހަސީން ވިދާޅުވިއެވެ. އެގޮތަށް އެތައް ބަޔަކު ޖަލަށްވެސް ލައިފިކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަސީން ވިދާޅުވީ އާއްމު ރައްޔިތަކާއި ދޭތެރޭ އަނިޔާވެރިވާން ފުރުސަތެއް މިސަރުކާރަށް ލިބިއްޖެއްޔާ ވަރަށް އަވަހަށް އެކަން އޮންނާނީ ކޮށް ނިންމާފައިކަމަށެވެ.