މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ މައުލޫމާތު އިލެކްޝަން ކޮމިޝަނުން ނެރުނީ ދިރާސާކުރާ ފަރާތްތަކަށް ދަތިވާނެ ގޮތެއް ބެލުމަށް ފަހުގައި ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ދޮރުން ދޮރަށް ރައްޔިތުން ބޭނުންވާ ކަންތައްތައް ހޯދަން އެމްޑީޕީން ދާނެ ކަމަށާއި އެވަގުތު ވޯޓާސް ލިސްޓްގައި މައްސަލައެއް އުޅެންޏާ ރައްޔިތުން އެކަން ފާހަގަ ކޮށްދިނުމުން އެ މައްސަލަތައް ކިތަންމެ އުނދަގުލުން ނަމަވެސް ދިރާސާ ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ވޯޓާސް ލިސްޓް ނެރުނުއިރު، ދީފައި ވަނީ ވެސް ޕީޑީއެފް ފޯމެޓްގައި ކަމަށެވެ. އަދި މިކަންކަމަކީ އިލެކްޝާނުން މީގެ ކުރިން އަމަލު ކުރި ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ އެކްސެލް ފޯމެޓުގައި ވޯޓާސް ލިސްޓް ހޯދުމަށް އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި އޭގެ ޚަބަރެއް ނުވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
ރައީސް ނަޝީދުގެ ކެމްޕޭނުގެ ހަރަކާތްތަކުގެ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ޖޫން މަހު 13 ވަނަ ދުވަހު ރިޔާސީ ކެމްޕޭނަށް ވާދަކުރުމަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. އެކަމާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަރަކާތްތަށް ހިންގާނެ ކަމަށާއި އާންމުން އަތުކުރި އޮޅާލައިގެން ހަރަކާތްތަކުގައި އިސް ރޯލެއް ނެގުމަށް އަސްލަމް ވަނީ ގޮވާލައްވައިފައެވެ.
އެ ދުވަހު ހިންގާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ބައިސްކަލް ދުއްވުން، ގުޑި އެރުވުން، ހިނގާލުން ހިމެނޭނެ ކަމަށާއި އަދި ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ މަސް ރޭހެއް ވެސް އޮންނާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ ރަށެއްގައިހެން މި ހަރަކާތްތައް ނިންމާލާނީ ރޯދަ ވީއްލުމަކުން ކަމުގައި އަސްލަމް ވިދާޅުވިއެވެ.