ގާނޫނީ ދާއިރާ އާއި މާލީ ދާއިރާގައި އާންމުކޮށް ބޭނުންކުރާ ބަސްބަހުގެ މާނަ އެކުލެވޭ ގާނޫނީ ރަދީފެއް ނެރެފިއެވެ.
ރަދީފު ނެރެދެއްވީ ބ. އޭދަފުށީގައި ކަތީބުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަލީ ޔަހުޔާއެވެ.
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ލިޔުއްވާފައިވާ މި ރަދީފަކީ މައުލޫމާތު ރައްކާކޮށް ހޯދާ ވަސީލަތްތަކުން ބަސްތައް ހޯދުމަށް ފަސޭހަކުރުމަށްޓަކައި ލަފުޒުތައް ލިޔާ ގޮތް ވީހާ ވެސް ބޮޑަށް އެއްކުރުމުގެ މަގްސަދުގައި ނެރުއްވި ފޮތެއް ކަމަށް ސުއޫދު ވިދާޅުވިއެވެ. އެ ފޮތުގައި 1200 އަށްވުރެ ގިނަ ބަސްތަކުގެ މާނަ ތަފްސީލާ އެކު ހިމަނާފައިވެއެވެ.
ރަދީފުގައި ހިމެނޭ ލަފުޒެއްގައި ހަވާލާދީފައިވާ މަހްފޫމަކީ ކޮބައިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެ ލަފުޒުގެ ނުވަތަ މަހުފޫމުގެ އިނގިރޭސި ތަރުޖަމާ ލިޔެފައިވެއެވެ. އަދި އެއް ލަފުޒެއްގެ މާނަ އެކި ގާނޫނުތަކުގައި ތަފާތު ގޮތަކަށް ބޭނުން ކުރެވޭ ނަމަ އެކަން އެނގޭނެ ގޮތަށް މި ރަދީފުގައި ފާހަގަކޮށްފައި ވެއެވެ.
ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށާއި އައިއޯއެސް އެޕްލިކޭޝަން ދެހަފްތާއެއްހާ ދުވަސް ތެރޭގައި ޑައުންލޯޑް ކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގައި އަންގާރަ ދުވަހު ބޭއްވި ހަފުލާއެއްގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އާއި ގާނޫނީ ވަކީލް އަލީ ހުސައިން ބައިވެރިވެ ވަޑައިގަތެވެ.
ބުކްޝޮޕްތަކުން މި ފޮތް ގަންނަން މިހާރު ލިބޭއިރު ފޮތުގެ އަގަކީ 200ރ. އެވެ.