މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖް ކައިރީގައި ރާޅާ އަޅާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބްރިޖު ހަދަމުންދާ ލޮނުޒިޔާރަތްކޮޅަށް މޫދަށް އެރި ރާޅާއެޅުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް މިސަރަހައްދުގައި ރާޅާ އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިބަޔާނުގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް މިސަރައްހަދުގައި ރާޅާ އަޅާނަމަ އޮންނަ އުސޫލުގެ ތެރެއިން އެމީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމައަށްވާ ސަރަހައްދު ވަގުތީ ސައިޓްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދީފައިވާތީ މިސަރަހައްދުގައި ބޮޑެތި ބޯޓު އަދި އެހެނިހެން ބަރު އާލާތްތައް ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަހައްދުގެ މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
ލޮނު ޒިޔާރާތްކޮޅުގައި ބްރިޖް އަޅާތީ މީގެ ކުރިން ރާޅާ އެޅުން ތެރެއިން ވަނީ އެކަމާ ނުރުހުންފާޅުކޮށް މުޒަހާރާ ކޮށްފަ އެވެ. އަދި މިރާޅާ އެޅުންތެރިންނަށް ރާޅާ އަޅަންދާނެ އެހެން ތަނެއް މިސަރުކާރުން ހަމަނުޖައްސައިދޭ ކަމަށް ބުނެ އެމީހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.