ލ.ގަމުގައި ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ 28 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރޭ ގަމު، މަތިމަރަދޫ އަވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 00:15 ހާއިރު ކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާއަށް ހަމަލާ ދީފައިވަނީ މަތިމަރަދޫ އަވަށު ފުޓްސަލް ދަނޑުގައި އޭނާ ފުޓްސަލް ކުޅެން އުޅެނިކޮށް އެތަނަށް ދިޔަ ގްރޫޕަކުންނެވެ. މޫނު ނިވާކޮށްގެން ތިބި އެ ގްރޫޕުން އޭނާއަށް ހަމަލާދިނީ ތޫނު އެއްޗަކުންނާއި، ދަގަނޑު ހޮޅިބުރިތަކަކުން ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަމަލާގައި އެ ޒުވާނާގެ ބުރަކަށީގެ އެކި ތަންތަން ވަނީ ތޫނު އެއްޗަކުން ޒަހަމް ކޮށްލާފައެވެ. އެ ޒުވާނާއަށް މިހާރު ދަނީ ގަމު ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ރަށުގެ ބައެއް މީހުން ބުނީ މި ހަމަލާ އަކީ ކުރިން ހިނގާފައިވާ މާރާމާރީއަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.