ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ޙާދިސާގައި ހެކި ނައްތާލިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 2016ވަނަ އަހަރު ޖޫން މަހު 2 އަހަރުގެ ޖަލު ހުކުމެއް އިއްވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ހޯމަ ދުވަހު ދޫކޮށްލިއިރު އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ފަޔާޒުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ބ.ހިބަޅިދޫއިން ސިފައިންގެ ހަތިޔާރުތަކެއް ފެނުނު މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެންނެވެ. އޭރު ފަޔާޒު ހުންނެވީ ސިފައިންގެ ބަޑި ގުދަނާ ހަވާލުވެއެވެ.
އެމައްސަލައިގައި ފަޔާޒުގެ އިތުރުން މިހާރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މިސަރުކާރުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބާއި މުހައްމަދު ހުސެއިން (އޮއިއްޓެ) އާއި މުހައްމަދު އައްލާމް ލަތީފް (މޮހޯ) އަދި އަހުމަދު އިޝްފާހު އަލީގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ވަނީ އުފުލާފައެވެ.
ހިބަޅިދޫން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި އެމްއެންޑީއެފްގެ ބަޑިގުދަނުގައި ބޭނުން ކުރާ ބައެއް ހަތިޔާރު ހިމެނޭ ކަމަށް ފުލުހުންނާއި ސިފައިން އޭރު ވަނީ ބުނެފަ އެވެ. ހިބަޅިދޫ ނެރާއި ދިމާލަށް ކަނޑަށް ފައްތާފައިވަނިކޮށް ސިފައިންގެ ހަތިޔާރުތަކެއް ހޯދާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. އެ ހަތިޔާރުގެ ތެރޭގައި އަތު ބޮމާއި، ބޮން ހެދުމަށް ބޭނުންކުރާ ސާމާނާއި، ސްނައިޕަރ ރައިފަލެއްގެ ބައިތަކެއް ހިމެނެއެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނާ މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ހެކި ނައްތާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ލޯންޗް ގޮވި ހާދިސާ ތަހުގީގު ކުރަން އައި ފުލުހުންގެ ފޮރެންސިކް ޓީމަށް ހުރަސް އެޅުމަށް އެސްޕީޖީ ސިފައިންނަށް އަމުރުކުރި ކަމަށްބުނެއެވެ.