ރަސްރަނި ބަގީޗާގައި ސްނޯގެ އިހްސާސް ކުރެވޭ ގޮތަށް ތަރައްގީކުރާ ވިންޓާ ޕާކު ފިތުރު އީދު ދުވަހު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ވިންޓާ ޕާކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިންޓާރ ޕާކުގެ މަސައްކަތް ބާރު ސްޕީޑް ގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އަދި މިހާރު ކުރިއަށް ދަނީ އީދު ދުވަހު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތް ކަމަށެވެ.
Rasrani Bageecha gai hadhaa "Winter Park" Fitr Eid gai hulhuvumah vaanjehey emmehaa thayyaaree thah dhanee kuriyah.
— Dr.Mohamed Muizzu (@MMuizzu) June 11, 2018
މިދިޔަ ޑިސެންބަރު މަހު ވިންޓާ ޕާކު ހުޅުވާނެ ކަމަށާއި، ފިނީގެ މޫސުން ވިންޓާ ޕާކުން ތަޖުރިބާ ކުރުމަށް އެންމެހައި ރައްޔިތުން އިންތިޒާރުގައި ތިބުމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ޑިސެންބަރު މަހު ޕާކު ނިންމާ ނުހުޅުވި، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވުމާއި ގުޅިގެން އޭރު މިނިސްޓަރު މުއިއްޒު ވިދާޅުވީ ވިންޓާ ޕާކު މަސައްކަތް ނުނިމި ލަސްވަނީ ކޭބަލްތައް ގެނެސް އެތަކެތި އަޅައި ޕަވާ ސަޕްލައި ގުޅުމުގެ މަސައްކަތް ލަސްވެގެން ދިޔުމުން ކަމަށެވެ.
ވިންޓާ ތަރައްގީ ކުރަނީ ޕާކުގައި އައިސް ސްކޭޓު ކުރާ ތަނަކާއި ސްނޯ ފައިބާ ގޮތަށެވެ. ވިންޓާ ޕާކް ހުޅުވާނީ އެތަނުގައި ކެފޭއެއް ވެސް ހިމެނޭ ގޮތަށެވެ. އަދި ވިންޓާ ޕާކް ބަލަހައްޓާ، ޚަރަދު ކުރަން ޖެހޭނީ ވެސް އެ ކެފޭ ހިންގާ ފަރާތުން ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެ އެވެ.