ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ޝަހްޝު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް މެދު ކެނޑުމަށް ފަހު އަންގާރަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފި އެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ 13:30 އަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މާރޗު މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވެއެވެ. އެ ދުވަހު ބޭއްވުމަށް އޮތީ، ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ތެރެއިން، ހާޒިރުކުރާނެ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކައި، ހާޒިރުކުރާނެ ހެކިންގެ އަދަދާ މެދު ގޮތެއް ކަނޑައެޅުމެވެ.
ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ، ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުކުރައްވާފައިވާ ކަމަށް ބުނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފާރިސް ބައިވެރިވެ ވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި، ޕީޕީއެމްގެ ނަމުގައި އޭނާ ވާހަކަ ދައްކަވައި، ޝަހްސު އޮޅުވާލާފައިވާ ކަމަށް ދައުވާގައި ވެއެވެ.
މި މައްސަލައިގައި ޖެނުއަރީ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.
ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރިޝްވަތު ދިނުމުގެ ދައުވާ ވެސް ފާރިސްގެ މައްޗަށް ވަނީ ކޮށްފަ އެވެ. ފާރިސް މިހާރު ވެސް ހުންނެވީ ބަންދުގައެވެ.
މީގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް އުފުލާފައި ވެއެވެ. މި ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ.