އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނަށް ހުރަސް އެޅި މައްސަލައާއި ގުޅިގެން ހައްދުންމަތީ ގަމުން ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ކުރި މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ ލ. ގަމު ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ އެ ރަށު ތުނޑީ އަވަށު އަހުމަދު ނަބީލާއި،އިބްރާހިމް އިދުރީސްގެ އިތުރުން މުހައްމަދު ޒަކީއެވެ. އެ މީހުންގެ ބަންދަށް މިމަހުގެ 1 ވަނަ ދުވަހު ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.
އެ ތިން މީހުން ބަންދުން ދޫކޮށްލާފައިވަނީ ބަންދަށް ޖެހި 10 ދުވަސް ހަމަވުމުން ހޯމަ ދުވަހު އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ފުލުހަކަށް މާރާމާރި ހިންގިކަމުގެ ތުހުމަތާއި، ފުލުހަކަށް މަރުގެ އިންޒާރު ދިނުން ވެސް ހިމެނެވެ. މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޕްރައިމަރީގެ ވޯޓްލުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި އިރު އެ ސަރަހައްދުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ފުލުހުން ވޯޓް ފޮށިތައް ގެންދަން ފެށުމުން ގަމު ރައްޔިތުން ވޯޓް ލާފައި ވަނީ ކޮންކުރިޓް ގަށާ މެޝިނެއް ބަހައްޓައިގެންނެވެ. އެ މެޝިން ގެންދިއުން ފުލުހުންނަން ބޮޑު ކަމަކަށް ވުމުން، ކޮންމެ ފަހަރެއްގައި ވެސް ތުނޑީ ހަރުގެއަށް ފުލުހުން ގޮސް މަސައްކަތް ކުރަނީ ވޯޓް ކަރުދާސްތައް ގެންދަން ކަމަށް އޭނާ ބުންޏެވެ.
އެގޮތުން ވޯޓް ގުނަން ތިއްބަ ފުލުހުން އެމްޑީޕީ ހަރުގެއަށް ދިއުމުން ވޯޓް ގުނަން ތިބި ތިން މީހުން ވެސް ވޯޓް ކަރުދާސްތައް ހިފައިގެން ހަރުގެއިން ބޭރަށް ނުކުތެވެ. އެ ވަގުތު އިބްރާހިމް ޒަކީ އަތުގައި ހުރި ވޯޓް ކަރުދާސްތައް އަތުލުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އިބްރާހިމް ޒަކީ ބިންމައްޗަށް ވެއްޓި އޭނާގެ ފައިގެ އިނގިލި ބިންދައިގެން ދިއުމުން، އެކަމާއި އެސަރަހައްދުގައި ތިބި އެމްޑީޕީގެ އާއްމު މެމްބަރުން ކަންބޮޑުވުން ފާޅުކުރިކަމަށް ގަމުން މައުލޫމާތު ދިން މީހަކު ބުންޏެވެ. އެވަގުތު އެ ސަރަހައްދުގައި ހައްޔަރުކޮށްފައި ތިބި ތިން މީހުން ވެސް ތިބި ކަމަށާއި،އިބްރާހިމް ޒަކީއަށް އަނިޔާކުރުމުން އެކަމާއި ދެކޮޅަށް އެމީހުން ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް އޭނާ ބުންޏެވެ.