ބަޔަކު މީހުން ވެގެން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގިތާ ހަތަރު އަހަރުވާން ދަނިކޮށް، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓްގައި އޭނާގެ ނަން ހިމެނުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްގައި ރިލްވާނުގެ ނަން ހިމަނާފައިވާތީ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން ސުވާލު އުފައްދަމުންނެވެ.
Abducted journalist Ahmed Rilwan's name is in the voters list made by @ElectionsMv for the Presidential poll. Are they going to find him before the election? Or are they going to vote on behalf of him? @PoliceMv #Findmoyameehaa pic.twitter.com/QpD8bebj0J
— Rilwan؟ (@rilvarn) June 11, 2018
އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓްގައި ރިލާވާންގެ ނަން ހިމަނާފައިވީ ނަމަވެސް، ރިލްވާން ވަގަށް ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް 08 ވަނަ ދުވަހުގެ ރެއެވެ.
އެހެންކަމުން އަންނަ އޮގަސްޓް މަހުގެ 08 ވަނަ ދުވަހަށް ރިލަވާން ވަގަށް ނެގިތާ ހަތަރު އަހަރު ފުރޭނެ ވެ. އަދި ރިލްވާން ވަގަށް ނެގިތާ ހަތަރު އަހަރު ފަހުން ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓްގައި ރިލްވާނުގެ ނަން ހިމަނާފައިވާތީ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ބަޔަކު މީހުން ރިލްވާން ވަގަށް ނަގާފައިވީ ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އޭނާ މަރުވެފައިވާކަން ކަށވަރު ކޮށްދީފައެއް ނުވެއެވެ. އެހެންކަމުން ވޯޓާސް ލިސްޓްގައި ހިމެނީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ރިލްވާން ނުފެންނާނެކަން އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާތީ އާއި ރަސްމީ އެއްވެސް ރަޖިސްޓްރީއަކުން އޭނާގެ ނަން މިހާތަނަށް އުނިކޮށްފައި ނުވާތީ ވޯޓާސް ލިސްޓްގައި އޭނާގެ ނަން އޮތުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރިލްވާން ވަގަށް ނެގި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުލާވެފައިވާ ކަމަށް ރިލްވާންގެ އާއިލާއިންނާއި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރިލްވާން ވަގަށް ނެގި މައްސަލައިގެ ފަހަތުގައިވާ ބައެއް ފުލުހުންނަށް ހޯދިފައި ނުވާތީ ބައެއް ފަރާތްތަކުން މި ސަރުކާރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރެއެވެ.