އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާ ގުޅޭ ޝަކުވާތައް އިތުރު ވެއްޖެއެވެ.
ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާއިރު، އެލިސްޓަށް ވަނުމުގައި މައްސަލަތައް ދިމާވުން ފަދަ ޝަކުވާތައް އިތުރު ވެފައިވާއިރު، ވޯޓާސް ލިސްޓުގައި ނަން ހިމެނޭތޯ މެސެޖް ކުރުމުން ވެސް ލިސްޓްގައި ނަން އޮތްކަން ސާފުނުވުން ފަދަ ބައެއް މައްސަލައް ދަނީ ފެންމަތި ވަމުންނެވެ.
ހޯމަ ދުވަހު އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައިވާ ވޯޓާސް ލިސްޓުގައި މާލެ ސިޓީގެ ދާއިރާތަކުގެ ލިސްޓްތައް ފެންނަން ނެތް ކަމަށެވެ. އެއީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަހަކަށް ވާނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
@ElectionsMv Commissionge Website gaivaa voters listgai Male’ City ge dhaairaa thakuge list thah fennan nuhurumaky minivan insaafuveri inthikhaabeh beyvvumah hurahakah vaane kameh.
— MDP Secretariat (@MDPSecretariat) June 11, 2018
އެމްޑީޕީން އެގޮތަށް ޓްވީޓް ކުރައްވުމާ ގުޅިގެން އިލެކްޝަންސްގެ ވެބްސައިޓުގައިވާ "ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް" ސުރުހީގެ ދަށުން އަޕްލޯޑް ކޮށްފައިވާ ކަމަށް ބުނާ އެއްވެސް ލިސްޓެއް ނުފެނެއެވެ. އެތައް އިރަކު މަސައްކަތްކުރިއިރު ވެސް ލިސްޓްތައް ލޯޑުވުމުގައި މައްސަލައެއް އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނަމުން ދަނީ އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަކީ އެކޮމިޝަނުގެ މެމްބަރުކަމަށް ވަޑައިގެންނެވުމާ ހަމައަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ބޭފުޅެކެވެ. އަދި ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް މާލޭގެ މަގުތަކުގައި ފޯމު ފުރުއްވުމުގައި ޝަރީފް ވަނީ ހަރަކާތްތެރިވެފައެވެ.