އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މަސައްކަތުގައި އުޅުނު ކައުންސިލަރުންނަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބިރުދައްކަމުންދާ ކަމަށާއި އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވި ރިޔާސީ ޕްރައިމަރީގެ މަސައްކަތުގައި ބައިވެރިވި އެމްޑީޕީގެ ކައުންސިލަރުންނަށް އެލްޖީއޭ އިން ބިރުދެއްކުމުގެ ގޮތުން ސިޓީ ފޮނުވައި އަދި މިނޫން ވެސް އެކި ކަންކަމާ ގުޅިގެން ސިޔާސީ ބޭނުމަށް ޤާނޫނާ ޚިލާފަށް އެކައުންސިލަރުންނަށް ފިޔަވަޅު އަޅަމުން ގެންދާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް މިފަދަ ނާތަހުޒީބު ކަންކަން ކުރުން ހުއްޓާލުމަށް އެލްޖީއޭއަށް ގޮވާލާ ކަމަށެވެ.
އެބަޔާނުގައި ބުނެފައި ވަނީ ފާއިތުވި ފަސް އަހަރު ތެރޭ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤުތަކަކަށް އަރައިގަނެ، ޤާނޫނުތަކަށް ބޯލެނބުމެއް ނެތި ޤާނޫނުގެ ވެރިކަން ވަނީ ނަގާލާފައި ކަމަށެވެ. އަދި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު އެއް ފައިދާއަކީ ލާމަރުކަޒީ ނިޒާމް ކަމަށާއި އެހެން ނަމަވެސް މި ނިޒާމު މިއަދު މިވަނީ ފުނޑާލާފައި ކަމަށެވެ. މުޅި ލާމަރުކަޒީ ޤާނޫނު ގަޑުބަޑުކޮށް ކައުންސިލްތަކުގެ ބާރުވެރިކަން ވަނީ ނަގާލާފައި ކަމަށާއި ސަރުކާރާ ވާދަވެރި ސިޔާސީ ފިކުރުގެ ކައުންސިލަރުންނަށް ބޭއިންސާފުން ފިޔަވަޅު އެޅުން މިވަނީ އާންމު އުސޫލަކަށް ވެފައި ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ އެޕާޓީން ދެކޭ ގޮތުގައި ދިވެހިރާއްޖެ ތަރައްޤީކުރެވޭނީ ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ލިބިދޭން ޖެހޭ ބާރުވެރިކަން ކަށަވަރުކޮށްދީގެން މަރުކަޒީ ބާރުތަކުން ވީއްލިގެން ކަމަށެވެ.
މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނެ، ޤާނޫނުތަކުން ކައުންސިލްތަކަށް ލިބިދޭ ބާރުތަކުގެ ބޭނުން ކުރުމުގެ ސަބަބުން ސިޔާސީ ބޭނުމަށް ބޭއިންސާފުން އަދަބު ދީފައިވާ ހުރިހާ ކައުންސިލަރުންނަށް އެކަމުގެ ބަދަލު ހޯދައިދިނުމަކީ އެމްޑީޕީގެ އެއް އަމާޒު ކަމަށް ވެސް ވަނީ އެބަޔާނުގައި ބުނެފައެވެ. އަދި ސަރުކާރުގެ ނުފޫޒުން އެލްޖީއޭ އިން ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ކޮށްފައިވާ ހުރިހާ ކަމެއް ތަޙްޤީޤްކޮށް އެކަންކަމުގައި ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.