ނުރައްކާތެރި އެކްސިޑެންޓުތައް ތަކުރާރުވުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކަކީ ކޮބައިކަން ހާމަކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
އެ ކައުންސިލުން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ގިނަ އަދަދަކަށް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ، ބައެއް އެކްސިޑެންޓުތަކުގައި ފުރާނަ ދިއުމާއި ބައެއް ފަރާތްތައް މިހާރުވެސް ހޮސްޕިޓަލްތަކުގެ އައިސީޔޫގައި ފަރުވާދެމުންދާކަމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމުގައެވެ. އަދި އެފަދަ އެކްސިޑެންޓުތައް މާލެ ސިޓީގައި އާދަޔާ ހިލާފަށް ގިނަވުމުގެ ސަބަބުން ކަމާނުގުޅޭ މައުސޫމު ފަރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އާއިލާތަކަށް ފޫ ނުބެއްދޭފަދަ ހިތާމަވެރި ހާލަތްތައް މެދެވެރިވާތީ އެކަމަކީ ދައުލަތުގެ ފަރާތުން އަޅާ ނުލާ ދޫކޮށްލެވޭވަރުގެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އެކްސިޑެންޓުތަކުގައި ބާރު ސްޕީޑުގައި ދުއްވާ އެއްގަމު އުޅަނދުތަކާއި މީހުންނަކީ ކޮބައިކަން ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާތީ، އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެންމެ އެކަށީގެންވާ ގޮތެއްގައި އެޅެމުންދޭތޯ ކަށަވަރުކުރުމަށް ރައްޔިތުން ނުހަނު ބޮޑަށް އެދޭ ކަމަށެވެ. އަދި އާދަޔާ ހިލާފަށް ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވަމުންދާތީ އެ އެކްސިޑެންޓުތައް ހުއްޓުވުމަށްޓަކައި ޓްރާންސްޕޯޓު އޮތޯރިޓީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސުން މިހާރަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެކްސިޑެންޓުތައް ހުއްޓުވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އަމަލުކުރަމުންދާ ފަދައިން ލައިސަންސް ދޫކުރުމުގައި ސަމާލުވެ، ޒިންމާދާރުކަމާއެކު އެކަން ކުރުމާއި މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ހިނގާ މީހުންނާއި ދުއްވާ ފަރާތްތައް ހޭލުންތެރިކުރުވުމާއި މަގުތަކުގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.