ބައިނަލްއަޤުވާމީ ހަމަތަކުން ނެއްޓި، ކުފޫހަމަނުވާ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން، ޢަބްދުﷲ ޔާމިނުގެ ސަރުކާރުން އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ދިވެހިރާއްޖެ ވާދަކުރުވައި މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖެ ފަލީހަތް ކޮށްފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންތިހާއަށް ކަންބޮޑުވުން ކުރަމުން އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަށް ދިވެހިރާއްޖެއަށް އެންމެ ބޮޑު ފުރުސަތެއް ލިބުނު މި ފަހަރު ކަމަށާއި ނަމަވެސް އޭޝިޔާ ޕެސިފިކް ސަރަޙައްދުން އިންޑޮނޭޝިޔާއާ އެކު ދިވެހިރާއްޖެ ވާދަކޮށް ނާކާމިޔާބުވެފައި ވަނީ ހައިރާންކުރުވަނިވި ނަތީޖާއަކުން ކަމަށެވެ. އެގޮތުން 144 ޤައުމަކުން އިންޑޮނޭޝިޔާއަށް ވޯޓުދީފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައި ވަނީ އެންމެ 46 ވޯޓުކަން އެމްޑީޕީގެ އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އިންޑޮނޭޝިޔާ މީގެ ކުރިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ތިން ފަހަރެއްގެ މަތިން ހޮވިފައިވުމުގެ ސަބަބުން، އައު ޤައުމަކަށް މި ސަރަޙައްދުން އެ ފުރުސަދު ލިބުމަކީ ވަރަށް ގާތް ކަމަކަށްވީ ނަމަވެސް ދިވެހިރާއްޖެ ބޮޑުތަނުން ނާކާމިޔާބާ ކުރިމަތިލާފައިވާ ކަމަށް އެ ބަޔާނުގައި އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ. އަދި މި ނާކާމިޔާބު ލިބިފައި ވަނީ އެކަމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއް ދައުލަތުންކޮށް، ދިގު މުއްދަތަކަށް ވަރަށް ބޮޑަށް ކޭމްޕޭން ހިންގައި، އަދި ސަރުކާރުގެ ޔަޤީންކަން އޮތް މިންވަރުގެ ވާހަކަ ވަރަށް ބޮޑަށް ފަތުރާފައިވަނިކޮށް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ރައީސް ޔާމީންގެ ސަރުކާރު އޮވެގެން، ލަދުގަންނަވަރުގެ ނާކާމިޔާބީއަކާ ދިވެހިރާއްޖެ ކުރިމަތިލާންޖެހިފައިވާއިރު، އެމްޑީޕީ ސަރުކާރުގައި 2009 ވަނަ އަހަރު އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް ދިވެހިރާއްޖެ ވާދަކޮށް ކާމިޔާބުކޮށްފައި ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 185 ވޯޓުން ކަމަށާއި އަދި އެއަށް ފަހު މަސައްކަތްކުރަމުން ދިއައީ ސަލާމަތީ މަޖިލީހުގެ ގޮނޑި ވެސް ކާމިޔާބުކުރުމަށް ކަމަށް ބުނެފައި ވެއވެެ. ނަމަވެސް ދިވެހިރާއްޖެއަށް ފަހިވަމުން ދިޔަ އެފުރުސަތު ހުތުރު ގޮތަކަށް ނަގާލާފައި އެވަނީ ރައީސް ޔާމިންގެ ސަރުކާރުންކަން ކަންބޮޑުވުމާ އެކު ފާހަގަ ކުރާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
މިފަދަ ބޮޑު ފަލީހަތެއްވުމުގެ ސަބަބުތަކުގެ ތެރޭގައި މި ސަރުކާރުން އދ. ގެ މުއާހަދާތަކާއި ޤަރާރުތަކަށް ބޯނުލެނބުމާއި، ބައިނަލްއަޤުވާމީ ހަމަތަކާއި މިންގަނޑުތަކުން ނެއްޓެމުންދިއުމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެނޫން ވެސް ބައެއް ސިޔާސީ ފަރާތްތައް މިނިވަންކުރުމަށް ގޮވާލާ އދ. ގެ ގުނަންތަކުން ނިންމާފައިވާ ނިންމުންތަކަށް އިޙްތިރާމް ނުކުރުމާއި، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުންދާ ދިއުން ހިމެނޭ ކަމަށް އެބާޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ހަމަ އެފަދައިން ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ކެނޑުމުގެ ދޯހަޅި ސިޔާސަތު ގެންގުޅުމާއި، އިންޑިއާ ކަނޑުގެ ހަމަޖެހުން ނަގާލުމުގެ ޢަމަލުތައް ހިންގުމާއި، ދީނުގެ ނަމުގައި އެކި ޤައުމުތަކަށް ހަނގުރާމައަށް ދާ ދިވެހިން އުފައްދާ ތަނަކަށް ރާއްޖެ ހަދައި، ހަރުކަށި ފިކުރުތަކަށް ޖާގަދިނުމާއި، ކަޅުފައިސާ ދޮވުމާއި ސަރުކާރުން ހިންގާފައިވާ ބޮޑެތި ވައްކަންތަކާއި ޚިޔާނާތުގެ ޖަރީމާތައް ހިމެނޭކަން ވެސް އެމްޑީޕީން ނެރެފައިވާ ބާޔާނުގައި ވެއެވެ.
އެހެންކަމުން ރައީސް ޔާމިންގެ ސަރުކާރަކީ، ބައިނަލްއަޤުވާމީ ދުނިޔެ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ތެރެއިން ރާއްޖެއަށް ލިބެން ހުންނަ މަންފާތަކާއި ކުރިއެރުންތަކުގެ އެއްވެސް އުއްމީދަކާ ގުޅިފައިވާ ސަރުކާރެއް ނޫން ކަމަށް ވެސް ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.