އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލު ކުޅޭނީ ބޮލީވުޑްގެ ތަރި ޕަރޭޝް ރާވާލަކަން ކަށަވަރު ވެއްޖެއެވެ.
ޕަރޭޝްއަކީ ސަރުކަރު ހިންގާ ބީޖޭޕީގެ ލީޑަރެއްގެ އިތުރުން މަޖިލިސް މެމްބަރެއް ވެސް މެއެވެ.
މީގެ ކުރިން މި ފިލްމު ކުޅޭނީ ކުރީގެ މަޝްހޫރު އެކްޓަރ އަދި މިހާރު ސިޔާސީ ދާއިރާގައި ވެސް މަސައްކަތްކުރާ ޝަތްރުގާން ސިންހާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. އެހެން ނަމަވެސް އިންޑިއަން އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއުއެއްގައި ޕަރޭޝް ބުނީ މިހާރު ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ޕަރޭޝް ބުނީ ފިލްމަކީ އުނދަގޫ ފިލްމަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ ފުލް ސަޕޯޓް މި ފިލްމަށް ލިބޭނެ ކަމަށެވެ.
ފިލްމާ ބެހޭ ގޮތުން އަދި މާގިނަ ކަންތައްތައް ހާމަކޮށްފައި ނުވާއިރު ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ޕްރޮޑިއުސް ކުރާނީ ވެސް ޕަރޭޝްއެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރާނީ ޝީތަލްގެ އަންހެނުން ބާވްނާ ތަލްވާރްއެވެ.