ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) ވެސް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމަކަށް ބަދަލުކޮށްފިއެވެ.
ހިސްޓޯ ހަމަޖައްސާފައި ވަނީ އެމްބަސީގެ މިނިސްޓަރު ކައުންސިލާގެ މަގާމަށެވެ. އޭނާ އެ މަގާމަށް ބަދަލުކުރިއިރު، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވެސް ވަނީ ލަންކާ އެމްބަސީގެ މަގާމަކަށް ބަދަލުކޮށްފައެވެ.
އަދާލަތާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވި ހިސްޓޯ، ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ހޯމް މިނިސްޓްރީގެ ނައިބަކަށް ވަޑައިގެން، ރައީސް ޔާމީން ކެމްޕެއިންގައި މަސައްކަތް ކުރެއްވިއެވެ.
އެމްޑީޕީ ޓިކެޓުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ހިސްޓޯ، އެމްޑީޕީން ވަކިވެވަޑައިގެން، ޕީޕީއެމާ ގުޅިވަޑައިގެންނެވި 2012 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭގެ އެއް އަހަރު ފަހުން، 2013 ވަނަ އަހަރުގެ ޖުލައިގައި ޖުމްހޫރީ ޕާޓީއަށް ވަޑައިގެން އެ ޕާޓީގެ ނައިބު ލީޑަރުކަން އޭނާ ވަނީ ކުރައްވާފައެވެ. އަދި ޕީޕީއެމަށް ވެރިކަން ލިބުމާއެކު، އަލުން އޭނާ ޕީޕީއެމާ ގުޅިވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ.