އދ. ގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކް ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ނެގި ވޯޓު ރާއްޖެއަށް ނާކާމިޔާބު ވެއްޖެއެވެ.
ހުކުރު ދުވަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގެ 93 ވަނަ ޕްލެނަރީ ބައްދަލުވުމުގައި ނެގި އެ ވޯޓުގައި ރާއްޖެއާ ވާދަކުރީ އިންޑޮނޭޝިއާއިން ކަމަށްވާއިރު ރާއްޖެއަށް ލިބިފައި ވަނީ މެމްބަރު 193 ގައުމުގެ ތެރެއިން 46 ވޯޓެވެ. އިންޑޮނޭޝިއާއިން 144 ވޯޓު ކާމިޔާބުކުރިއިރު މިއީ އެ ގޮނޑިއަށް އެ ގައުމު އިންތިހާބުވި ހަތަރު ވަނަ ފަހަރެވެ. މި ވޯޓުގައި ބައިވެރިވެފައިވަނީ 190 ގައުމަކުންނެވެ. އިންޑޮނޭޝިއާގެ މިފަހަރުގެ ދައުރު ނިމޭނީ 2020 ވަނަ އަހަރުއެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ނާކާމިޔާބުވިއިރު ރާއްޖެއިން ވަނީ އެ ގޮނޑި ހޯދުމަށް ދިގު ކެމްޕެއިނެއް ކޮށްފައެވެ. އެގޮތުން ސަރުކާރުގެ ވަޒީރުން އެކި ގައުމުތަކަށް ޒިޔާރާތްކޮށް ވަނީ ރާއްޖެއާ އެއްކޮޅަށް ވޯޓް ދިނުމަށް މަސައްކަތްކޮށްފައެވެ. ހަމައެހެންމެ ދިވެހި ސަރުކާރުން ވަނީ ވޯޓާ ގާތްކޮށް އެފްރިކާގެ ބައެއް ޤައުމުތަކާއި ސިޔާސީ ގުޅުން ޤާއިމްކޮށްފައެވެ.
މީގެ އިތުރުން ފަޤީރު އަދި ކުރިއަރަމުން އަންނަ ބައެއް ޤައުމުތަކުގެ ސަފީރުން ރާއްޖެ ގެނެސްގެން އެބޭފުޅުންނަށް ވޯކްޝޮޕްތަކެއް ހިންގާފައިވާއިރު، ސަލާމަތީ މަޖިލީހުގެ ގޮނޑީގެ ކެމްޕޭނަށް ރާއްޖެއިން ގޮތް ނޭނގޭ 5 ލައްކަ އެމެރިކާ ޑޮލަރު ޚަރަދުކުރިކަމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޑިޕްލޮމެޓުން ތުހުމަތުކުރައްވައެވެ.
ރާއްޖެއަށް އެ ގޮނޑި ނާކާމިޔާބުވުމުގައި ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ އދގެ އެހެން ގުނަވަންތަކުގެ އަމުރުތަކާއި އެންގުންތަކާއި ކަންބޮޑުވުންތަކަށް ދިވެހި ސަރުކާރުން އަޅާނުލައި ތިބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޔޫއެން ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބައެއް ޤައިދީންގެ މައްސަލައިގައި ނިންމި ނިންމުންތަކާއި، ޔޫއެން ހިއުމަން ރައިޓްސް ކޮމިޓީއިން ރައީސް ނަޝީދުގެ މައްސަލައިގައި ނިންމި ނިންމުންތައް ރާއްޖެއިން ބަލައިގެންފައެއް ނުވެއެވެ.