މާފުށި ޖަލަށް މަސްތުވާތަކެތި ވައްދައިދޭ ކަރެކްޝަންސްގެ އިސް މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބުދަދު ދުވަހު ހައްޔަރުކޮށްފައި ވަނީ ކަރެކްޝަންސްގައި މަސައްކަތް ކުރާ ސްޓާފް ސާޖެންޓެކެވެ.
މާފުށި ޖަލަށް މަސްތުވާތަކެތި ވައްދައިދޭ ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަން ކަރެކްޝަނުން ވެސް ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިމައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ފެނުމުގެ އިތުރަށް، އޭނާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ހައްޔަރުކޮށްފައިވާ މީހާ ޖަލަށް މަސްތުވާތަކެތި އެތެރެކުރުމާއި، ގައިދީންނަށް އެތަކެތި ފޯރުކޮށްދިނުމާއި އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަަމަށް ވެސް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.
ޖަލަށް މަސްތުވާތަކެތި އެތެރެކުރުމުގައި ކަރެކްޝަންސްގެ އޮފިސަރުން ބައިވެެރިވާ ކަމަށް ތުހުމަތުކުރެވޭއިރު ދޭތެރެއަކުން މިފަދަ ތުހުމަތުތަކުގައި ކަރެކްޝަންސްގެ އޮފިސަރުން ހައްޔަރުކުރެއެވެ.
މިކަމާ ބެހޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.