މާލިއްޔަތު ގަވައިދާ ހިލާފަށް 10.6 މިލިއަން ރުފިޔާގެ ތަކެތި އައިޖީއެމްއެޗުން ގަނެފައިވާކަން ފަޅާއަރައިފި އެވެ.
ހެލްތް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔެންސް އޮޑިޓް ރިޕޯޓުގައި ވަނީ އޮޑިޓް އޮފީހަށް ފާހަގަ ކުރެވުނު 17 ކަމެއް ހިމަނާފަ އެވެ. އެގޮތުން ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކުރިއަށްދާން ޖެހޭ އިރު ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލާ 10.6 މިލިއަން ރުފިޔާގެ ތަކެތި އައިޖީއެމްއެވުން ގަނެފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.25 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ އެއް މިލިއަން ރުފިޔާ އިން މަތީގެ މަސައްކަތްތައް ހަވާލު ކުރާނެ ފަރާތެއް ހޯދަންވާނީ އެ މަސައްކަތަކާއި ބެހޭ ކުރެހުންތަކާއި ތަފްސީލުތައް ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެންނެވެ.
މީގެ އިތުރުން އޮންނަ އުސޫލާ ހިލާފަށް ހުޅުމާލޭ ހޮސްޕިޓަލާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗް އިން ތަކެއްޗާއި ހިދުމަތް ހޯދާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.
އޮޑިޓް އޮފީހުން ބުނީ 25000ރ. އަށް ވުރެ ބޮޑުވާނަމަ ތަކެތި ގަންނަންވާނީ އާންމުކޮށް އިއުލާނު ކޮށްގެން ލިބޭ އަންދާސީ ހިސާބުތައް ބަލައިގެން ކަމަށާއި އަދި 25000ރ އިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ދެމެދުގެ މަސައްކަތެއް ކުރަންވެއްޖެ ނަމަ އެ މަސައްކަތް ކޮށްދިނުމަށް ނުވަތަ އެއްޗެއް ހައްދަން އެންމެ އެކަށީގެންވާ ރަގަޅު ފަރާތެއް ހޯދަން ޖެހޭނީ އާންމުކޮށްގެން އަންދާސީ ހިސާބު ބަލައިގެން ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ. އެހެން ނަމަވެސް ބައިބަޔަކަށް ބަހާލައިގެން ޖުމްލަ 1.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.