އެެމްބެސެޑަރެއްގެ ހައިސިއްޔަތުން ޓެރަރިސްޓަކާއި ބައްދަލު ނުކުރައްވާނެ ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ސިޔާސީ އަދި އެކިއެކި ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކާއި އެކު މިފަހަކަށް އައިސް ކޮންމެ އަހަރަކު ރޯދަ މަހު އެމެރިކާ އެމްބަސީގެ ފަރާތުން ބާއްވާ ރޯދަ ވީއްލުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސަފީރު ކެޝަޕް މިހެން ވިދާޅުވީ ބުދަ ދުވަހު ރާއްޖެ ޓީވީއަށް ކުރެއްވި ޒިޔާރަތުގައި ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައެވެ.
ސަފީރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކަކީ ޓެރަރިސްޓުންގެ ގޮތުގައި ސަރުކާރުން ސިފަކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެފަދަ ތުހުމަތުތަކެއް އެޅުވި ނަމަވެސް އެމެރިކާގެ އިތުރުން ދުނިޔޭގެ ބޮޑެތި އެހެން ޤައުމުތަކުން އެބޭފުޅުންނާއި ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުން ޖަލަށް ލައިގެން ނުވަތަ އެބޭފުޅުންގެ މައްޗަށް ޝަރީޢަތް ހިންގައިގެން ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވެދާނެތޯ ސަފީރު ކެޝަޕް ސުވާލު އުފެއްދެވިއެވެ.
ރާއްޖެ އޮތީ އެމެރިކާގެ އައްސޭރިފަށާއި އެތައް ހާސް މޭލެއް ދުރުގައި ނަމަވެސް، ރާއްޖޭގައި ހިނގާ ކަންކަން އެމެރިކާއަށް މުހިއްމު ކަމަށާއި، އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ މަސްރަހުގައި ހިނގާކަންކަމުގެ އަސަރު އެމެރިކާއަށް ވެސް ކުރާނެކަމަށް ސަފީރު ވިދާޅުވިއެވެ.
ރާއްޖޭގެ ސަރުކާރާއި އެމެރިކާއާއި ދެމެދު ދެބަސްވެވޭ ކަންތައްތައް އެބަހުރިކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި އެދެބަސްވުންތަކަކީ ހަމައެކަނި ކޮޅުނބުގައި ހުންނަ އެމްބަސީއިން ކަންބޮޑުވާ ކަންކަމެއް ނޫން ކަމަށާއި، އެއީ ވޮޝިންޓަނުން ވެސް ކަންބޮޑުވާ ކަންތައްތަކެއްކަން ސަފީރު ކެޝަޕް ފާހަގަ ކުރެއްވިއެވެ.
ޚާއްސަކޮށް ރާއްޖޭގެ ޑިމޮކްރަސީ މިސްރާބުޖަހާފައިވާ ދިމާއަކީ އެމެރިކާ ކަންބޮޑުވާ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވަކި ފަރާތަކަށް ނުޖެހޭ ފަރާތަކުން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން އެމެރިކާއިން ނެރެމުންދާ ބަޔާންތަކުގެ ނަތީޖާއެއް ފެނޭތޯ ސުވާލު ދެންނެވުމުން ސަފީރު ވިދާޅުވީ މާބޮޑެތި ބަދަލުތަކެއް އަންނަ ކަަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ނެތިގެންދާ މަންޒަރު ފެނިގެންދާ ކަމަށާއި، ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަންނަ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ، ސަފީރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ޚާއްސަގޮތެއްގައި މީޑިއާގެ މިނިވަންކަން ނެތިގެންދާ މައްސަލައިގައި އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.