ޖެމްސް ހުއްޓުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށްލުމަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ކުރަމުންދާ ޝަރީއަތުގެ ހުކުމް ބުރާސްފަތި ދުވަހު އިއްވަން ތާވަލުކޮށްފިއެވެ.
އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު 10:15 ގައެވެ.
އުއްތަމަ ފަނޑިޔާރަށް އެ މައްސަލައިގައި ކުރަނީ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގައި ދައުވާ ކުރަނީ ސުޕްރީމް ކޯޓުން ޖެމްސްގެ ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެއެވެ.
އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށްވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް އަދަބުވަނީ ދެ ދަރަޖަ ތިރިކޮށްފައެވެ. އެހެންކަމުން އެ ދެބޭފުޅުންނަށް އިއްވާފައިވާ ހުކުމް މިހާރު އޮންނާނީ އެއް އަހަރާއި ދެ މަހަށް ޖަލަށް ލުމަށެވެ.
އޭގެއިތުރުން ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އެ ދެބޭފުޅުންގެ މައްޗަށްވެސް ދަނީ ކުރަމުންނެވެ.