އެމެރިކާއިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ރާއްޖެޓީވީއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރާއްޖެ ޓީވީ އިން ސަފީރު ކޭޝަޕްއަށް މަރުހަބާ ދެންނެވީ ރާއްޖެ ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަލީމް އާއި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޙުސައިން ފިޔާޒް މޫސާ އަދި ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރުންނާއި އެހެނިހެން އިސް ވެރިންނެވެ.

ބުދަ ދުވަހުގެ މެންދުރު ރާއްޖެޓީވީއަށް ޒިޔާރަތް ކުރައްވާ، ސަފީރު ކޭޝަޕް ވަނީ ރާއްޖެ ޓީވީ އާއި ރާއްޖެއެމްވީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވާފައެވެ. ސަފީރު ވަނީ ރާއްޖެ ޓީވީގެ ނިއުސްރޫމާއި، ސްޓޫޑިއޯތައް ވެސް ބައްލަވާލައްވާފައެވެ.

ރާއްޖެ ޓީވީއަށް ކުރެއްވި ޒިޔާރަތުގައި، ސަފީރު ކޭޝަޕް ވަނީ ރާއްޖެ ޓީވީއަށް އެކްސްކްލޫސިވް އިންޓަރވިއުއެއް ވެސް ދެއްވާފައެވެ. މި އިންޓަރވިއުގައި ރާއްޖޭގެ މަސްރަހާއި، އެމެރިކާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ސަފީރު ވާހަކަ ދެއްކެވިއެވެ.
މި އިންޓަރވިއު ރާއްޖެ ޓީވީއިން ބުދަ ދުވަހުގެރޭ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ ޓީވީއަށް ސަފީރު ކޭޝަޕް ކުރެއްވި ޒިޔާރަތުގައި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ފަރާތުން ރާއްޖެ ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަލީމް ވަނީ ސަފީރަށް ޚާއްސަ ގަލަންކޮޅެއް ހަދިޔާ ކުރައްވާފައެވެ.

ސަފީރު ކޭޝަޕް ރާއްޖެ ޓީވީއަށް ކުރެއްވި މި ޒިޔާރަތުގައި އެމެރިކާ އިން ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް ޚާއްސަކޮށް، ސްރީލަންކާގެ ކޮލަމްބޮގައި ޤާއިމްކޮށްފައިވާ އެމްބަސީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އަންގާރަ ދުވަހު ކޭޝަޕް ވަނީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ރޯދަ ވީއްލުމެއް ވެސް ދެއްވާފައެވެ.