މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބ. އޭދަފުއްޓަށް ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެ ޓީމުގެ ކީޕަރު އަބްދުﷲ ޒިޔަޒަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.
ޒިއަޒަން ވަނީ މީގެ ކުރިން ވެސް ނިއުއަށް ކުޅެފަ އެވެ. އެ ގޮތުން ޒިޔަޒަން ވަނީ މިނިވަން ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ކުރީގެ ޗެމްޕިއަން ސ. ފޭދޫ އަތުން ޕެނަލްޓީ ޖަހައިގެން އޭދަފުށި މޮޅުވި މެޗުގައި ފޭދޫގެ ތިން ޕެނަލްޓީ ވެސް މަތަކޮށްފަ އެވެ.
ތ. ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ގިނަ ބަޔަކު ވަނީ ޒިޔަޒަންގެ ހުނަރަށް ތައުރީފްކޮށް ވާހަކަ ދައްކާފަ އެވެ.
ޒިޔަޒަން ނިއުއަށް ސޮއިކުރި އިރު، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު މުހައްމަދު ވެސް މި ސީޒަންގައި އެކްލަބަށް ކުޅެން ނިންމާފަ އެވެ. އެހެން ކަމުން ޒިއަޒަން ފެނިގެންދާނީ އެ ކްލަބުގެ ބެންޗުން އިމްރާންގެ ބަދަލުގައި ކުޅޭނެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ކްލަބް ވިޔަންސާއިން 2007 ވަނަ އަހަރު ފުޓުބޯޅަ ކެރިއަރު ފެށި ޒިއަޒަންއަކީ މީގެ ކުރިން އެތަށް ކްލަބެއްގެ ޖޯޒީގައި ގަލޮޅު ދަނޑުން ފެނިފައިވާ ފަރިތަ މޫނެކެވެ.
އެގޮތުން އޭނާ ވަނީ ވިޔަންސާ އަށް ތިން އަހަރު ކުޅުމަށް ފަހު 2010 ވަނަ އަހަރު ނިއުއަށް ބަދަލުވެފަ އެވެ. އަދި 2 އަހަރު ނިއުގައި ހޭދަކުރުމަށްފަހު 2012 އަދި 2013 ވަނަ އަހަރު އޭނާ ކުޅެފައި ވަނީ ވީބީ އައްޑޫ އެފްސީ އަށެވެ. އަދި ޖެހިގެން އައި 2014 ވަނަ އަހަރު އޭވައިއެލްއަށް ކުޅެ، 2015 ވަނަ އަހަރު ޒިޔަޒަން ފެނުނީ އޭރު ދެވަނަ ޑިވިޝަނުގައި ވާދަކުރި ގްރީން ސްޓްރީޓުންނެވެ.
އެއަށްފަހު މިދިޔަ އަހަރު އޭނޭ ބެލެހެއްޓީ އޭދަފުށީ ޓީމުގެ ގޯލެވެ.
ޒިޔަޒަން ނިއު އަށް ބަދަލުވުމާއެކު އޭނާ އަށް ފުޓުބޯޅައިން ކުރިއަށް ދިއުމަށް ވަނީ އާ ދޮރެއް ހުޅުވިގެން ގޮސްފަ އެވެ. އެގޮތުން ތަޖުރިބާކާރު ކީޕަރު އިމްރާންއާ އެކު އޭނާއަށް މި ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް ބެލެވެ އެވެ.