ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ސިޔާސަތުތައް ކަނޑައަޅާ އެކަށީގެންވާ ފެންވަރަކަށް ތަންފީޒުކުރުމަށް ސަރުކާރު ނުކުޅެދިފައިވުމަކީ މުޅިރާއްޖޭގެ ތިމާވެއްޓަށް ފޫނުބެއްދޭ ފެންވަރުގެ ގެއްލުންތަކެއް ލިބި އަންނަން އޮތް ޖީލުތަކަށް ވެސް ވެވޭ ބޮޑު އިހުމާލެއް ކަމަށް މަދަނީ ޖަމިއްޔާތަކުން ބުނެފި އެވެ.
ބައިނަލްއަޤުވާމީ ތިމާވެށީގެ ދުވަހާ ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި އިސްކަން ދީފައިވަނީ ޕްލާސްޓިކުގެ ވަބާއިން ދުނިޔޭގެ ތިމާވެށި ސަލާމަތްކޮށް، ރައްކާތެރިކުރުމަށް ވަކާލާތު ކުރުމަށެވެ. ތިމާވެށި ހިމާޔަތްކުރުމަށްޓަކާ އެކިކަންކަމަށް އާންމުކޮށް އަލިއަޅުވާލާ ދުނިޔޭގެ ގިނަގައުމުތަކަކުން އަޑުއުފުލާއިރު ރާއްޖޭގެ ވެސް 14 މަދަނީ ޖަމިއްޔާއަކުން މިވަނީ ތިމާވެށި ރައްކާތެރިކުރުމަށް މިސަރުކާރުން ނުކުޅެދިފައިވާ ކަމަށްބުނެ ކަންބޮޑުވުންފާޅު ކޮށްފަ އެވެ.
ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ސީނިއާރ ޕްރޮޖެކްޓް ކޯޑިނޭޓަރު ޝާޒިޔާ އަލީ ވިދާޅުވީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަރުތަކުގެ މައްޗަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުން ފެންނަނީ ތިމާވެށި ހަލާކުވެގެންދާ މަންޒަރު ކަމަށް ޝާޒިޔާ ވިދާޅުވި އެވެ.
ޝާޒިޔާ ވިދާޅުވީ ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު 2017 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށް އެންމެ ނުރައްކާބޮޑު އެއްކަމަކީ ޕްލާސްޓިކު ފުޅި އާއި ޕްލާސްޓިކު ކޮތަޅު އަދި އެހެނިހެން ޕްލާސްޓިކު އިތުރުވެ ރާއްޖޭގެ ރީތިގޮޑުދޮށްތަކާއި މޫދު ތަގައްޔަރުވުން ކަމަށެވެ. އަދި ޕްލާސްޓިކު ފުޅި އުފެއްދުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި އިސްވެ ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ޝާމިލުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޝާޒިޔާ ވިދާޅުވި އެވެ.
" ދާދިފަހުން ސަރުކާރު ހިއްސާވާ ކުންފުންޏަކުން އިއުލާން ކުރެވިގެން ދިޔައީ ގަޑިއިރެއްގެ ތެރޭގައި 10000 ފުޅި ތައްޔާރުކުރާނެ ކާރުހާނާއެއްގެ ވާހަކަ. އޭނގެ މާނައަކީ އަހަރެއްގެ ތެރޭގައި 86 މިލިއަންވުރެ ގިނަ ފުޅި ތައްޔާރުވެގެންދާނޭ. މިއީ އަނެއްކާ ވެސް އަޅުގަނޑުމެންގެ ތިމާވެއްޓަށް ހުރި ގޮންޖެހުމަކަށް ވާނެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތް ކުރުމަށް އެދެވޭ މަސައްކަތެއް ނުކުރެވޭތާ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ މިރީތި ތިމާވެށި ވާސިލް ނުކުރެވި އެފަރާތްތަކަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް މިއީ" ޝާޒިޔާ ވިދާޅުވިއެވެ.
ޝާޒިޔާ ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެ މީހަކު ވެސް ފަރުދީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ތަރައްގީއަށް ހިންގާ މަޝްރޫއުތައް ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކަކަށް ހެދުމަށް މިއަދު ދިވެހިން އަޑު އުފުލަންޖެހޭ ކަމަށެވެ. ތިމާވެށި ރައްކާތެރިކުރުމަށް އަމިއްލަ ދިރިއުޅުމުގައި ވީހައި ބޮޑަށް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރަންޖެހޭކަން ފާހަގަކުރައްވައި ޝާޒިޔާ ވިދާޅުވީ ދިރިއުޚޭ މާހައުލަށް ކުނި އެޅުން ވެސް ހުއްޓާލަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު އިންތިހާ ދަރަޖައަށް އިތުރުވެގެންދާތީ ކަންބޮޑުވުންފާޅު ކުރައްވާ ޖަމިއްޔާތަކުން ބުނީ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކު މަދުކުރުމުގެ ބަދަލުގައި އެފަދަ ކޮތަޅު އަދި ފެން ކޭސް ބަންދުކޮށްފައި ހުންނަ ޕްލާސްޓިކު ކަވަރުގެ ބޭރުގައި ރާއްޖޭގެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯ ޖަހައި އަދި އެއީ "ތިމާވެއްޓާއި ރަށްޓެހި" އެއްޗެއް ކަމަށް އޭގައި ލިޔެފައިވާކަމީ ހިތާމަ ކުރަން ޖެހޭކަމެއް ކަމަށެވެ. މިފަދަ ބާވަތުގެ ޕްލާސްޓިކަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި 'މައިކްރޯ-ޕްލާސްޓިކަށް' ބަދަލުވެ މަސްމަހާމެއްސާއި އެހެނިހެން ދިރުންތަކުގެ ކާނާގެ ނިޒާމަށް ވަދެ، އެދިރުންތަކުގެ ޒަރިއްޔާއިން އިންސާނުންގެ ހައްޓަށް ޕްލާސްޓިކު ވާސިލްވާ ބޮޑު ނުރައްކަކެވެ.
މީގެ އިތުރަށް ޖަމިއްޔާތަކުން ބުނީ މާލޭ ސަރަހައްދަށް ރާއްޖޭގެ އާބާދީގެ %70 އެއްކުރުމުގެ ސިޔާސަތަކީ ވެސް ތިމާވެއްޓަށާއި ރައްޔިތުންގެ ޞިއްޙަތަށާއި ދުޅަހެޔޮ އަބުރުވެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދުމަށްއޮތް ފުރުޞަތުތަކަށް ކުރިމަތިވެފައިވާ ބޮޑުހުރަހަކަށްވާނެ ކަމަށެވެ. ސަބަބަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ސަބަބުން ނާޒުކުތިމާވެށި ހަލާކުވެ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާއި ގިނަ އަދަދެއްގެ ރައްޔިތުން ކުރިމަތިލާން ޖެހޭނެތީއެވެ. އަދި ކުނި ނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރެވިފައި ނެތްހިނދު، ގިނަބަޔަކު އެއްތަނަކަށް ތޮއްޖެހި، ދުއްވާތަކެތި ގިނަވެ، ވައި ތަޣައްޔަރުވުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކަކީ އާބާދީ ބޮޑު މާލޭގައި މިހާތަނަށް ވެސް ހައްލެއް ގެނައުމަށް ނުކުޅެދިފައިވާ ކަންކަމަށެވެ.