ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އދގެ 72ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ސްލޮވާކިއާގެ ޚާރިޖީ ވަޒީރު މިރޮސްލާވް ލައިޔަކް އާއި ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމުގައި އދގެ އާއްމު ބައްދަލުވުމުގައި ލައިޔަކް އިސްކަން ދެއްވާ ކަންކަމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އދގައި ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން އދގެ ތަރައްޤީއާއި ބެހޭ ޕްރޮގްރާމްގެ މަސައްކަތްތައް ޒަމާނާއި ގުޅޭ ގޮތަށް ބަދަލުކުރުމަށް އދގެ އާއްމު މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްވުމާއި ގުޅިގެން ޑރ. ޝައިނީ ވަނީ ލައިޔަކްއަށް މަރުހަބާ ދަންނަވާފައެވެ.
މީގެ އިތުރުން އދގެ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ލައިޔަކް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ބާއްވާ އިވެންޓްގައި ރާއްޖެއިން އެއްބާރުލުން ދިނުމަށް ލައިޔަކް ވަނީ މިނިސްޓަރ ޝައިނީގެ އަރިހުން އެދިވަޑައިގެންފައެވެ. އެ އިވެންޓް އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު ނިއުޔޯކްގައެވެ.
އާއްމު މަޖިލީހުގެ 72ވަނަ ދައުރުނިމި، 73 ވަނަ ދައުރު ފެށޭނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ.
އަންނަ ހުކުރު ދުވަހު އދގެ ސަލާމަތީ މަޖިލީހުގައި އަންނަ އަހަރު ހުސްވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބުކުރުން އޮންނަ އިރު، ޚާރިޖީ ވުޒާރާގެ އިސް ބައެއް ބޭފުޅުން މިހާރު ވެސް ތިއްބެވީ ނިއުޔޯކްގައެވެ. ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކް ގޮނޑިއެއް ވެސް ހުސްވާއިރު، މިގޮނޑިއަށް ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާއިންނެވެ. ދެޤައުމުން ވެސް ވަރުގަދަ ކެމްޕޭނެއް ކޮށްފައިވާއިރު، އެންމެ ފަހުގެ ކެމްޕޭން ބައްދަލުވުންތައް މިހާރު ވެސް ނިއުޔޯކްގައި ކުރިއަށްދެއެވެ.